ކޮންމެ ބޭފުޅަކު އަބަދު ވެސް މަސައްކަތް ކުރަންވީ އަނެކާއަށް ރަނގަޅު ބަހެއް ފޯރުކޮށްދެވޭތޯ ކަމަށާއި އޭރުން މުޖުތަމައު ބަދަލުކޮށްލެވިދާނެ ކަމަށް އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގު ރަޝާދާ ވިދާޅުވެއްޖެ އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި އެވިޑް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މުޝްތާގު ވިދާޅުވީ އިލްމީ ގޮތުން ތިމާއަށް މޮޅު މީހެއްކަމަށް ދައްކަން ބޭނުން ނަމަ އަހުލާގުގެ ފެންވަރު ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

ރަނގަޅު އަހުލާގެއް ނެތި ކިތަންމެ މޮޅުވިޔަސް އޭގެން އެއްވެސް ބޭނުމެއް ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ކުއްޖަކީ ވެސް ހިތްތިރި މަޑުމައިތިރި ކިޔަމަންތެރި ކުއްޖަކަށް ވާން އެބަޖެހޭ މުޖުތަމައުގައި އަޅުގަނޑުމެން އެންމެން މިއަދު މަސައްކަތް ކުރަންވީ އެހެން މީހުންގެ ނަމޫނާ ދައްކާ ބައެއްގެ ގޮތުގައި އާދެ އެހެން މީހަކަށް އަބަދު ވެސް އަދާކުރަންވީ ތިމަންނަ ރަނގަޅު ބަހެއް އަނެކާއަށް ފޯރޮކޮށްދެވޭތޯ މަސައްކަތް ކުރާނަމޭ،" މުޝްތާގު ވިދާޅުވި އެވެ.

އަދި އެ ފޯރުކޮށްދިން ރަނގަޅު ބަސް އެތައް ބަޔަކު މެދުވެެރިވެގެން އަނެކާ އަށް އެ ބަސް ތަކުރާރުކޯށް ރައްދުކޮށްދޭ ކަމަށްވާ ނަމަ މުޅި މުޖުތަމައުއަކީ އަހުލާގުގެ ރަނގަޅު ނުވަތަ މީހުންނަށް ހެޔޮބަސް ބުނާ ބައެއްގެ ގޮތުގައި މުޅި މުޖުތަމައު ބަދަލުވެގެން ދާނެ އިސާހިތަކު ބަދަލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޝްތާގު އިތުރަށް ވިދާޅުވީ ކަންކަމުގައި އެހެން މީހުންނަށް އިނގިލި ދިއްކުމުގެ ކުރިން ތިމާގެ ކުށް ނުވަތަ މަސްއޫލިއްޔަތު ގިނަ ފަހަރު އިހުސާސްނުކުރެވޭ ކަމަށެވެ.

"މިއަދު ތިކުދިން ކިޔެވި އެއްޗެއްގެ ބޭނުން އަދާކުރެވޭނީ އެހެން މީހުންގެ ކުރިމަތީގައި ނަމޫނާ އަހުލާގު ރަނގަޅު ކިޔަމަންތެރި ބައެއްގެ ގޮތުގައި ތާއަބަދު ތިބެގެން." މުޝްތާގު ވިދާޅުވި އެވެ.