20 Nov 2011, 17:29
އިސްލާމްދީނާ ހިލާފު ވާހަކަތަކާއި އަހުލާގީ ގޮތުން ދަށްފެންވަރުގެ ލިއުންތައް ޝާއިއުކުރާ ކަމަށް ބުނެ، ހިއްލަތު ރަޝީދުގެ އަމިއްލަ ވެބް ބުލޮގް ސައިޓް، ހިއްލަތު ޑޮޓްކޮމް ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ބަންދުކޮށްފި އެވެ.
އިސްލާމް ދީނާއި ރާއްޖޭގެ ސަގާފަތާއި ފުށުއަރާ ވާހަކަތަކާއި އަދި މަންޒަރު ހިއްލަތުގެ ވެބްސައިޓުގައި ހިމެނޭ ކަމަށް ބުނެ އެ ވެބްސައިޓު ބުދަ ދުވަހު ބަންދުކުރީ އިސްލާމިކް މިނިސްޓްރީގެ އެންގުމަށް ކަމަށް ޓޭމް އިން ބުންޏެވެ.
ހިއްލަތު މިއަދު ވިދާޅުވީ ސައިޓް ބުލޮކުކޮށްފައި ވަނީ އޭނާ ފާޅުކުރާ ހިޔާލުތައް ހަޖަމް ނުކުރެވޭ ބަޔަކު އެކަމާ ރުޅިއައިސް، ޝަކުވާ ކުރާތީ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ސޫފީ އިސްލާމާ ދެކޮޅު ހަދާ އެއްވެސް އެއްޗެއް ސައިޓެއްގައި ނޯނާނެ. އަހަންނަށް ތުހުމަތު ކުރެވެނީ ސައިޓުގެ މައްސަލަ ޖެއްސީ ހިޔާލުތައް ހަމަޖަމުނުކުރެވޭ ... މީހުން،" އެ މައްސަލައިގައި ކޮމެންޓަކަށް އެދުމުން ހިއްލަތު ފޮނުވި މެސެޖެއްގައިވެ އެވެ.
ޓޭމުން ބުނީ އެ ސައިޓް ބަންދު ކުރީ ދިވެހިންގެ ދީނީ އެއްބައިވަންތަކަމުގެ ގަވައިދުގެ 10 ވަނަ މާއްދާގެ (ހ)ގެ ދަށުން ކަމަށެވެ.
ޓޭމްގެ ޑިރެކްޓަރު އަބްދުﷲ ނަފީގު މިއަދު ވިދާޅުވީ އެ ސައިޓް ބަންދުކުރީ އިސްލާމިކް މިނިސްޓްރީ އިން އަންގައިގެން ކަމަށް ވުމާ އެކު، ބަންދު ކުރީ ކޮން އާޓިކަލްއެއް ޖަހައިގެން ކަން އެނގޭނީ އެ މިނިސްޓްރީ އަށް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހުމަދުﷲ ޖަމީލު މިއަދު ވިދާޅުވީ އޭނާ ހުންނެވީ ޗުއްޓީގައި ކަމަށާއި އެހެން ކަމާ އެކު އޭނާ އަށް އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭ ކަމަށެވެ.