05 Nov 2019, 00:25
ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ލީ ފޮޓޯގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ނިސްބަތްވާ ކުރެހުމެއް ހުރިކަން ނޭނގޭކަމަށާއި، އެ ފޮޓޯ ލެވުނުކަމަށްޓަކައި އެ ދެ ބޭފުޅުންނާއި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވީ މިރޭ ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި އާންމުކުރެއްވި ބަޔާނެއްގައެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން، ކުރިމިނަލް ކޯޓްގެ ރެކްރިއޭޝަން ކުލަބުގެ ވައިބާ ގުރޫޕަށް އިސް ގާޒީ ހައިލަމް ޕޯސްޓުކުރެއްވީ ނޮވެމްބަރު ތިނެއްގެ ހަމަލާގައި އިސްކޮށް އުޅުނު އަބްދުﷲ ލުތުފީ އާއި ސަގަރު އިބްރާހިމް ނާސިރާއި އެ ހަމަލާގެ އެހެން ވެސް އިސް ފަރާތްތަކާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަރުގައި ޗެންޗޭނު ޖަހާފައި އޮތް ކާޓޫނު ފޮޓޯއެކެވެ.
އަދި އެ ޗެންޖާނުގެ އެއްކޮޅުގައި ހިފަހައްްޓައިގެން ހުންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސެއިން އާދަމް އެވެ. އަދި އެ ކާޓޫގައި ލިޔެފައި ވަނީ؛ "އެ އިއްޒަތާއި ގަދަރު މިއަދު ފޭރިގެންފި" މިހެންނެވެ.
މި މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއްޔެ ވަނީ ހައިލަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައެވެ.
ހައިލަމް މިރޭ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އެ ފޮޓޯގައި ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ނިސްބަތކުރެވޭ ކުރެހުމެއް ހުރިކަން އެނގިފައި ނުވާކަމަށާއި، އެފަދަ ކުރެހުމެއް ހުރެދާނެކަމަށް ވިސްނާލެވިފައިވެސް ނެތްކަމަށެވެ.
"އެކަމަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެމެވެ،" ހައިލަމްގެ ބަޔާނުގައި ވެއެވެ.
އިސް ގާޒީ ހައިލަމް އިތުރަށް ވިދާޅުވީ އެ ފޮޓޯ އޭނާ ޝެއާކުރި ވައިބާ ގްރޫޕަކީ ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ޕްރައިވެޓް ގްރޫޕެއް ނަމަވެސް، އޭނާ އެ ފޮޓޯ ޝެއާކުރީ ސޯޝަލް މީޑިއާގައި ނަސްރުގެ ދުވަހުގެ ތަހުނިޔާ ކުަން ކަމަށް ބުނެ، ސިޔާސީ ބައެއް ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދަނީ ނުފޫޒުތަކެއް ފޯރުވަމުން ކަމަށެވެ.
އެގޮތުން ހައިލަމް ބައްލަވަމުން ދާ މައްސަލައެއްގައި ރިޝްވަތު ނެގިކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިއްޔެ ވާހަކަދައްކަވާފައިވާތީ، އެ އަމަލަކީ ކޯޓުގައި ކުރިއަށްދާ މައްސަލައަށާއި ފަނޑިޔާރެއްގެ ހައިސިއްޔަތުން ހައިލަމް ކުރައްވާ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ އަމަލުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށް އެއްވެސް އިރެއްގައި މަސައްކަތް ކޮށްފައި ނުވާނެކަމަށާއި، އެފަދަ ކަމެއްގައި ބައިވެރިނުވާނެކަމުގެ ޔަގީންކަންވެސް ދެއްވާކަމަށް ހައިލަމްގެ ބަޔާނުގައި ވިދާޅުވިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ތުހުމަތުވާ މަނީ ލޯންޑަރިން މައްސަލައިގެ ހުކުމް އިއްވުން އޮންނަ އިރު، އެ މައްސަލަ ބައްލަވަނީ އިސް ގާޒީ ހައިލަމްއެވެ.