20 Nov 2011, 17:20
ކ. ތުނބަފަޅުގައި (ތުނބަފުށި) ގާނޫނާ ހިލާފަށް މަސައްކަތްކޮށް އެ ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއްދީ އިއާދަ ނުކުރެވޭނެ ވަރުގެ ބޮޑެތި ބަދަލުތަކެއް އެފަޅުގެ ގުދުރަތީ ވެއްޓަށް ކޮށްފައިވާ ކަމަށް ބުނެ އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މ. ޗަމްޕާހެވަން މުހައްމަދު މޫސާ (ޗަމްޕާ) 100 މިލިއަން ރުފިޔާއިން އިން ޖޫރިމަނާކުރި ސިޓީއަކީ ބާތިލް ސިޓީއެއްކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފ އެވެ.
މި މައްސަލައިގެ ނިޔާ ކަނޑައެޅުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަމުން ސިވިލްކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވީ އީޕީއޭ އާއި ޗަމްޕާ މުހައްމަދު މޫސާ އާއި ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ބެލުމުން ކ. ތުނބަފުށީގައި ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން އީޕީއޭ ގެ ފަރާތުން އެކިފަހަރުމަތިން ސާވޭ ހަދާފައިވާއިރު އެއިން އެއްވެސް ސާވޭ ރިޕޯޓެއް އަދި ސާވޭއިން ހޯދިފައިވާ ހޯދުންތައް ޗަމްޕާ މުހައްމަދު މޫސާއާއި ހިއްސާކޮށްފައި ނުވާ ކަމަށެވެ.
މިއަދު އިއްވި ހުކުމުގައި ވެއެވެ: ".... މުހައްމަދު މުސާގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަމުގެ ފުރިހަމަ މައުލޫމާތު ލިބުމާއި އެކަންކަމަށް ފުރިހަމައަށް ޖަވާބުދާރީވުމުގެ އެކަށީގެންވާ ފުރުސަތު ލިބުމުގެ ހައްގު މުހައްމަދު މޫސާއަށް ލިބިގެންވާ ކަމަށާއި ކ. ތުނަބަފުށީގައި ގާނޫނާއި ގަވައިދާ ހިލާފަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ދެކިގެން އީޕީއޭގެ ފަރާތުން މުހައްމަދު މޫސާއާމެދު ފިޔަވަޅު އެޅުމުގައި އަމަލުކޮށްފައިވާ އިޖުރާއަތަކީ މުހައްމަދު މޫސާއަށް ލިބިގެންވާ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކަމުގެ މައްޗަށް ޖާބުދާރީވުމުގެ ފުރުސަތު ލިބި ނުދީ އަމަލުކޮށްފައިވާ އިޖުރާއަތެއްކަން އެނގެން އޮތުމުން އެ އެ އިޖުރާއަތުގައި އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅު އެޅުމުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެފައި ނެތުމުގެ ސަބަބުން އެ އިޖުރާއަތަކީ ބާތިލު އިޖުރާއަތެއް ކަމުގައި ކަނޑައަޅައި އެ އިޖުރާއަތު ބޭނުންކޮށްގެން މުހައްމަދު މޫސާއާމެދު ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމުގައި ޝަރުއީ އަދި ގާނޫނީ ގޮތުން ބަލަންޖެހޭ ކަމުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ސިޓީ ބާތިކޮށްފީމެވެ،"
ހުކުމް ކުރެއްވިއިރު ގާޒީ ވިދާޅުވީ ގާނޫނާއި ގަވާއިދާއި ޚިލާފަށް މުހައްމަދު މޫސާ ކަންކަން ކޮށްފައިވާކަމަށް އީޕީއޭ އިން ބުނާއިރު އެކަންކަން ގާނޫނާއި ގަވާއިދާއި ޚިލާފުވަނީ ކޮންގޮތަކުންކަން ވެސް ސާފުގޮތެއްގައި އެކަށީގެންވާ މިންވަރަށް ބުނެދީފައި ނުވާކަމަށެވެ.
ނިހާޔަތު ގާޒީގެ ހުކުމުގައި ބުނަނީ ތުނބަފުށީގައި ކޮށްފައިވާ މަސައްކަތުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ އަސަރު ކުޑަކުރުމަށް މުހައްމަދު މޫސާ އަޅާނެ ފިޔަވަޅު ބަޔާންކުރާ ރިޕޯޓެއް ހުށަހެޅުމަށް މުހައްމަދު މޫސާއަށް އަންގާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ތުނބަފުށީގައި ގާނޫނާއި ގަވާއިދާއި ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާކަމާއިމެދު ޖަވާބުދާރީވުމުގެ އެކަށީގެންވާ ފުރުސަތު ނުދެއްވާކަން ޝަރީއަތަށް ހުށަހެޅިފައިވާ ލިޔެކިޔުމާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބެލުމުން ޝަރީއަތަށް ބުރަވެވޭކަމަށެވެ.
ތުނބަފަޅުގެ މައްސަލައިގައި އީޕީއޭ އިން ކުރިން ބުނެފައި ވަނީ ރަށް ސާވޭކޮށް ބަލާފައިވާ ކަމަށާއި ތުނބަފަޅުގައި ބިން ހިއްކާފައިވުމުގެ ސަބަބުން ތިމާވެއްޓަށް ލިބިފައިވާ ގެއްލުމުގެ ގޮތުގައި 2،730،293،566ރ. އަރާ ކަމަށެވެ. ނަމަވެސް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ޖޫރިމަނާގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމުން އެ އަދަދުން މުހައްމަދު މޫސާ ޖޫރިމަނާ ކުރީ ކަމަށެވެ.