އަންކަރާ (ނޮވެމްބަރު 4): އެމެރިކާގެ ހަރުކަށި އަމަލުތަކުގެ ސަބަބުން އެމެރިކާއާއި ތުރުކީގެ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެއްޖެ ކަމަށާއި އަންނަ ހަފްތާގައި އެމެރިކާއަށް ކުރަން ރާވާފައިވާ ދަތުރުފުޅު ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ކެންސަލް ކުރެއްވުން ވަރަށް ގާތްކަމަށް ތުރުކީ ސަރުކާރުން ބުނެފިއެވެ.

ތުރުކީގެ ރިޔާސަތުގެ އިސް މަސްއޫލުވެރިއަކު ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އެމެރިކާގެ ހަރުކަށި އަމަލުތަކުގެ ސަބަބުން އެމެރިކާއާއި ތުރުކީގެ ގުޅުންތައް ގޯސްވިނަމަވެސް އެމެރިކާގެ ފިއްތުންތަކުގެ ކުރިމަތީގައި ތުރުކީ އޮތީ ފަހަށް ޖެހޭގޮތަށް ނޫންކަމުގައެވެ.

ނަން ހާމަކުރަންނޭދޭ ތުރުކީގެ މަސްއޫލުވެރިޔާ ވިދާޅުވީ މީގެ ގަރުނެއް ކުރިން އުޘްމާނީ ޚިލާފަތުގެ ދުވަސްވަރު ތުރުކީ ސިފައިން އަރުމީނިއާގެ ނަސާރާއިންނާ ދެކޮޅަށް ގަތުލުއާންމެއް ހިންގައި އަރުމީނިއާ ދަރިކޮޅުގެ މީހުންގެ ނަސްލު ނައްތާލުމަށް ތުރުކީން މަސައްކަތްކުރި ކަމަށްބުނެ މިދިޔަ ހަފްތާގައި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން ފާސްކުރި ގަރާރާމެދު އުރުދުޣާން ވަރަށް ބޮޑަށް ކޯފާވެވަޑައިގެންފައިވާ ކަމުގައެވެ.

މީގެ އިތުރުން ރަޝިއާގައި އުފައްދާ އެސް 400 މަރުކާގެ ދިފާއީ ނިޒާމު ތުރުކީން ގަތް މައްސަލާގައި ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ދިނުމަކީ ތުރުކީހ=ގެ ޒައާމަތަށް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށްވެސް ތުރުކީގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

އުރުދުޣާން ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

ސީރިއާގެ އުތުރުގައި ތުރުކީއާ ދެކޮޅަށް ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތަކަށް އެމެރިކާ އަސްކަރީގޮތުން މަދަދުދޭ މައްސަލާގައިވެސް އެމެރިކާއާއި ތުރުކީގެ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެފައެވެ. މީގެއިތުރުން ތުރުކީ މާބޮޑަށް ރަޝިއާއާއި އީރާނާ ގާތްވެ ބައިވެރިއެއްގެ ގޮތުގައި އެ ދެ ގައުމާއެކު ތުރުކީ މުއާމަލާތްތައް ކުރަމުން ގެންދިޔުމަކީވެސް އެމެރިކާ ތުރުކީ ދެކެ ރުޅިއަންނަ މައްސަލައެކެވެ.

ތުރުކީއަކީ ސަރަހައްދުގެ އަސްކަރީ އަދި އިގްތިސާދީ ބާރަކަށްވެފައި ނޭޓޯގެ އިރު ދެކުނުގެ ސަރަހައްދު ޖިއޮސްޓްރެޓީޖިކް ގޮތުން ބަލަހައްޓަނީވެސް ތުރުކީ ކަމަށްވާތީ އެމެރިކާއާއި ތުރުކީގެ ގުޅުންތައް ގޯސްވުމަކީ އެކަމުގެ ނޭދެވޭ އަސަރު ނޭޓޯއަށްވެސް ކުރާނެކަމެއް ކަމަށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ތުރުކީގެ ދިފާއީ ވަޒީރު ވަނީ ރަޝިއާގެ ޓެކްނޮލޮޖީއާއި އަދި އަމިއްލަ ޓެކްނޮލޮޖީގައި އެގައުމުން ހަތިޔާރު ތަރައްގީކޮށް އެމެރިކާގެ ހަތިޔާރަށް ބަރޯސާވުން ނިމުމަކަށް ގެންނާނެކަމަށް ވިދާޅުވެފައެވެ. މިއީ އެމެރިކާގެ ހަތިޔާރުގެ ކުންފުނިތަކަށް ތުރުކީގެ މާކެޓު ގެއްލޭނެކަމެއްކަމުން އެމެރިކާވަނީ އެ މައްސަލާގައިވެސް ތުރުކީއާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

(ނޫސްއެޖެންސީތައް)