ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ޕެރަލައިޒް ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މަސައްކަތް ކުރަމުން އަންނަ ކަމަށް އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު ކަމުގައި ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ޑިޖޭއޭއިން ސުޕްރީމުކޯޓުގެ އިދާރީ ނިޒާމުވެސް އުއްތަމަފަނޑިޔާރާއި ފަނޑިޔާރުންގެ އެއްވެސް ބާރެއް ނުހިނގާ ނިޒާމަކަށް ބަދަލުކޮށް، ކޯޓުގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅަމުން އަންނަ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ޝަރީއަތް ގާއިމުކުރުމާއި އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެހައި ކަންކަމާ ގުޅޭގޮތުން ސިޔާސަތު ކަނޑައަޅައި ހިންގުމާއި، އެ ސިޔާސަތުތައް ހިންގުމަށް އެކަށައި އަޅާ ގާއިމުކުރަންޖެހޭ ނިޒާމުތައް ގާއިމު ކުރުމާއި، އެ ނިޒާމުތައް ހެޔޮ ގޮތުގައި ހިންގުމުގެ ހުރިހައި ކަމަކީ ފަނޑިޔާރުގޭގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ގާނޫނުއަސާސީގެ ބާރު ކެނޑޭގޮތަށް ޝަރުއީ ކޯޓުތަކުގެ ކަންކަމާއި ފަނޑިޔާރުންގެ މަސައްކަތާ ބެހި، ފަނޑިޔާރުގޭގެ މަސައްކަތަށް ހުރަސް އަޅައި، ދަތިކުރުމުގެ ބީދައިން ޑީޖޭއޭއިން ކޯޓުތަކުގެ އެތެރޭގެ އިދާރީ ކަންކަމާއި އިދާރީ ނިޒާމުގެ ތެރެއަށް އަތްބާނައި ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ކޯޓުތަކުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަން އެ ޑިޕާޓްމަންޓުގެ ދަށަށް ގެންދަން މަސައްކަތްކުރާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، ކޯޓުގެ ފަނޑިޔާރުންގެ މަސައްކަތަށް އިދާރީގޮތުން އެހީތެރިކަން ފޯރުކޮށްދޭން ތިބޭ މުވައްޒަފުންނާއި، އެ މުވައްޒަފުންގެ މަސައްކަތް އެ ނިޒާމެއްގެ ތެރެއިން ހިނގާ ކޯޓުގެ އިދާރީ ނިޒާމަކީ ފަނޑިޔާރުންގެ ބާރު ނުހިނގާ ނިޒާމަކަށް ވެއްޖެ ނަމަ އޭގެ ސަބަބުން ފަނޑިޔާރުންގެ މަސައްކަތަށް ގިރާ ނުކުރެވޭ ފަދަ ހުރަސްތަކެއް ކުރިމަތިވެގެންދާނެ ކަމަށެވެ.

"އަދި އޭގެ ސަބަބުން ކޯޓުގެ އެތެރޭގެ އިދާރީ އަދި ނިޒާމީ އިންޓެގްރިޓީ ގެއްލި، ކޯޓާއި ފަނޑިޔާރުންގެ މަސައްކަތްނުކުރެވޭނޭ ފަދަ މާހައުލެއް އުފެދޭނެއެވެ." އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވިއެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ އެއްވެސް ކޯޓެއްގެ އެތެރޭގެ އިދާރީ ނިޒާމަށް ނުފޫޒާއި ބާރު ފޯރުވައި، ކޯޓުން ބޭރުގެ އެހެން ފަރާތަކަށް ޖަވާބުދާރީ ވާންޖެހޭ ބަޔަކަށް ކޯޓުގެ މުވައްޒަފުން ހެދުމަކީ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ފަނޑިޔާރުންގެ މަސައްކަތާ ބެހިގަތުން ކަމަށެވެ.

ފަނޑިޔާރުގޭގެ މިނިވަންކަމުގެ އަސާސީ އެއް އުންސުރަކީ ކޯޓުތަކުގެ އިންސްޓިޓިއުޝަނަލް އިންޑެޕެންޑެންސް ކަމުގައި ވާއިރު، މިފަދަ ގޮތަކަށް އެއްވެސް ކޯޓެއްގެ އިދާރީ ނިޒާމު އެހެން ފަރާތެއްގެ ބާރުގެ ދަށަށް ގެންދިއުމަކީ ކޯޓުގެ އިންސްޓިޓިއުޝަނަލް އިންޑެޕެންޑެންސް ގެއްލި، މުސްތަގިއްލު ގޮތެއްގައި ކޯޓާއި ފަނޑިޔާރުންގެ މަސައްކަތްކުރުމަށް ނުކުޅެދޭނެ ސަބަބެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު ކަމަށާއި އަދި ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރުކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާއިރު، ސުޕްރީމްކޯޓުގެ އިދާރީ ނިޒާމާ ބެހޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި އެކަށައެޅުމާ، އެ ސިޔާސަތުތަކާ އެއްގޮތަށް ކޯޓު ހިންގުމުގެ ކަންކަމަކީ އުއްތަމަފަނޑިޔާރުގެ ބާރެއް ނެތި ޑީޖޭއޭއިން ނުވަތަ ޖޭއެސްސީން ނުވަތަ އެހެން ފަރާތަކުން ކުރާ މަސައްކަތަކަށް ހެދުމަށް މަސައްކަތްކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ ކޯޓުތަކުގެ އިދާރީ ކަންކަމާ ބެހުމަކީ ޖޭއެސްސީ، ޑީޖޭއޭ ނުވަތަ ދައުލަތުގެ އެހެންވެސް ފަރާތަކަށް ލިބިގެންވާ ބަރެއް ނޫން ކަމަށެވެ.

އެހެންކަމުން އެފަދަ ކަމެއް ކުރަން އެއްވެސް ފަރާތަކުން މަސައްކަތްކުރުމަކީ ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ބާރު ކަނޑުވާލައި، ކޯޓުތަކުގެ މަސައްކަތަށް ދަތިކޮށް ހުރަސްއަޅައި، އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ހުއްޓުވައި ފަނޑިޔާރުންނަށް މަސައްކަތް ނުކުރެވޭނެ ފަދަ ބިރުވެރިކަމާއި ނުފޫޒާއި ދަތިކުރުމުގެ މާހައުލެއް އުފެއްދުން ފިޔަވައި އިތުރު ނަތީޖާއެއް ނުކުންނާނެ ކަމެށް ނޫންކަމަށްވެސް ބަޔާނުގައިވެއެވެ.

ޑިޖޭއޭއަކީ ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމަށް 2008 ވަނަ އަހަރު އުފެއްދި އިދާރާއެކެވެ.

ޑީޖޭއޭ ކުރިން އޮތީ ސުޕްރީމްކޯޓުގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް ސުޕްރީމްކޯޓުގެ ބެލުމުގެ ދަށުން، ޑީޖޭއޭ ނަގައި ޖޭއެސްސީގެ ބެލުމުގެ ދަށަށް ބަދަލުކުރީ ޖޭއެސްސީގެ ގާނޫނަށް މިފަހުން ގެނައި އިސްލާހުތަކުގެ ތެރެއިންނެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ އޭރުވެސް އަދި މިހާރުވެސް ޝަރުއީ ކޯޓުތަކުގެ އެތެރޭގެ އިދާރީ ނިޒާމުގެ ކަންކަމާ ބެހުމުގެ އެއްވެސް ބާރެއް ޑިޖޭއޭއަށް ލިބިގެން ނުވާ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމުގެ މައްޗަށް އުއްތަމަފަނޑިޔާރުގެ ބާރެއް ނުހިނގާނޭ ގޮތަށް ނިޒާމު ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ބާރެއް ނޯންނާނެ ގޮތަށް ހެދުން ފަދަ ކަމެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެއްވެސް ބާރެއް ނޯންނާނެ ގޮތް ހެދުން ފަދަ ކަމެކެވެ،" އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

އެހެންކަމުން މިފަދައިން އަމަލު ކުރަމުން ގެންދިއުމަކީ އެކަމުގެ ސަބަބުން ސުޕްރީމްކޯޓުގެ ބާރު ކެނޑި، ގާނޫނުއަސާސީން އެ ކޯޓަށް ދީފައިވާ ހައިސިއްޔަތާއި ދައުރު ނިގުޅައިގަނެ މުޅި ޝަރުއީ ދާއިރާ އަދި ޝަރުއީ ކޯޓުތައް ނިކަމެތިކޮށް ފަނޑިޔާރުންގެ މަސައްކަތަށް ހުރަސް އަޅައި، ފަނޑިޔާރުންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް ދަތިކޮށް އަދުލު އިންސާފު ގާއިމުކުރުމުގެ މުޅި ނިޒާމު ފުނޑުފުނޑުކޮށްލުމުގެ ގޮތުން ހިންގޭ ޣައިރުގާނޫނީ އަދި ޣައިރު ދުސްތޫރީ އަމަލުތަކެއް ކަމުގައި ނޫނީ ނުބެލެވޭނެކަމަށްވެސް އުއްތަމަފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

ގާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައި، ގާނޫނުއަސާސީ މާނަކޮށް ތަފްސީރުކުރުމުގެ އެއްވެސް ހައިސިއްޔަތެއް ނެތް ފަރާތްތަކުން ހިތަށް އެރި ގޮތަކަށް މާނަކުރަން އޮތް އެއްޗަކަށް ހެދުމަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

"އެހެންކަމުން ފަނޑިޔާރުންނާއި ކޯޓުތަކުގެ އިދާރީ ނިޒާމު ޕެރަލައިޒްކޮށް، ވަކި ގޮތަކަށް ނިންމުންތަކެއް ނިންމައިފިނަމަ ފަނޑިޔާރުންނާ މެދުގައި ފިޔަވަޅު އަޅާނެކަމުގައި ބުނެ ބިރުދައްކައި އިންޒާރުދިނުމަކީ މުޅި ދައުލަތުގެ އަސާސުތަކަށް ދެވޭ ހަމަލާއެއްކަމުގައި މެނުވީ ބެލެވޭނެ ޖާގައެއް ނެތެވެ،" ބަޔާނުގައިވެއެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ ގާނޫނުއަސާސީން އެކަށައަޅާ ގާނޫނުގެ ހުކުމް ދެމިއޮތްހާ ދުވަހަކު، ޝަރުއީ ކޯތުތަކަކީ ޖޭއެސްސީން ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ހިނގާ ތަންތަން ކަމުގައި ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

ބަޔަކު އޮޅުވާލަން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް ދައުލަތުގެ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެހާ ބާރުތައް ލިބިގެން ވަނީ ކޯޓުތަކަށް ކަމަށާއި އެ ބާރުތަކުގެ އެންމެ އިސްފަރާތަކީ ސުޕްރީމްކޯޓު ކަމަށް ވިދާޅުވިއެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ އެއްވެސް ފަރާތަކުން ދައްކާ ބިރަކަށް ޖެހިލުން ނުވާނެކަމަށާއި މިނިވަންކަމާ މުސްތަގިއްލު ކަމާއެކު، މިނިވަން ފަނޑިޔާރުގެއެއްގެ ހިޔާވަހިކަން ކޮންމެ ރައްޔިތަކަށްވެސް ފޯރުކޮށްދެއްވާނެ ކަމަށާއި ގާނޫނުއަސާސީއާއި ގާނޫނުތައް ނެގެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އުއްތަމަފަނޑިޔާރު ވަނީ ސުޕްރީމްކޯޓުން ކޮށްފައިވާ ހުކުމްތަކާ ގުޅޭ އެއްވެސް މައްސަލައެއް ޖޭއެސްސީން ބެލުމަކީ ގާނޫނާ ހިލާފު ޣައިރު ދުސްތުރީ އަމަލެއް ކަމަށް މީގެ ކުރިންވެސް ވިދާޅުވެފައެވެ.

ޖޭއެސްސީއަށް ފާޑުވިދާޅުވެ އުއްތަމަފަނޑިޔާރު ނެރުއްވި ބަޔާނުގެ ސަބަބުން އެމަނިކުފާނުގެ ސުލޫކީ މައްސަލައެއް ވެސް ޖޭއެސްސީން ވަނީ ބަލަން ފަށައިފައެވެ.