ގައުމީ އެމްބިއުލާންސް ހިދުމަތް ގާއިމް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 15 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ގާއިމް ކުރުމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމަނާފައިވާ ކަމެކެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އެކުލަވާލާފައިވަނީ އެ ޕްލޭނުގައިވާ ކަންތައް ހާސިލް ކުރުމަށެވެ.

ނޭޝަނަލް އެމްބިއުލާންސް ހިދުމަތަކީ އެމަޖެންސީ ހާލަތްތަކުގައި ބަލިމީހާއަށް ބޭނުންވާ ފަސްޓްއެއިޑް އެހީ ވީހާވެސް އަވަހަށް ފޯރުކޮށްދީ މީހާގެ ފުރާނަ ސަލާމަތް ކުރުމަށް ތައާރަފުކުރާ ހިދުމަތެކެވެ.

ނަމަވެސް ރާއްޖޭގައި މިހާތަނަށް ރޭވިފައިވާ
ނިޒާމެއްގެ ތެރެއިން އެމްބިއުލޭޓޮރީ ކެއާގެ ހިދުމަތް
ދިނުމުގެ އިންތިޒާމް ހަމަޖެހި ނުވާ ކަމަށް މިއަދު މަޖިލީހަށް ސަރުކާރުން ފޮނުވި ބަޖެޓްގައިވެ އެވެ. އެކަމަށް ހައްލު ގެނައުމަށް އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާގެ ކަންތައް ހަރުދަނާ ކުރުމަށް 15 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފަ އެވެ.

އެމްބިއުލާންސް ހިދުމަތް ގާއިމް ކުރުމުގެ އިތުރުން އެމަޖެންސީ ހާލަތުގައި ގުޅާނެ ނަންބަރެއް ތައާރަފުކޮށް ކޯލްސެންޓަރެއް ގާއިމް ކުރުމަށްވެސް ވަނީ ނިންމައިފަ އެވެ. މި ކޯލްސެންޓަރުގައި މަސައްކަތްކުރާނެ މުވައްޒަފުން ތަމްރީނުކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ސިއްހީ ހިދުމަތް ދޭ ތަންތަނުން ބަލި މީހުންނަށް
ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އެންމެ
އެކަށީގެންވާ ގޮތެއްގައި ހިދުމަތް ދިނުމަށްޓަކައި އަތޮޅުތެރޭގައި ހުރި ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ ވަސީލަތްތައް
ހަމަކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި 20 މިލިއަން
ރުފިޔާ ހިމަނައިފަ އެވެ.

ބަޖެޓް ފޮތުގައިވާ މައުލޫމާތަށް ބަލާއިރު ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ޑެންޓަލް ހިދުމަތާއި ފިޒިއޯތެރަޕީ، ސައިކޭޓްރިކް ހިދުމަތަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށް ވަނީ ނިންމައިފަ އެވެ.