20 Nov 2011, 16:56
އިމަޖެންސީގައި ފަރުވާ ހޯދަން އައިޖީއެމްއެޗަށް ދާ ބަލި މީހުންނަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލުގައި އަލަށް ގާއިމްކުރި ޓްރައޭޖް އޭރިއާ މިއަދު ހުޅުވައިފިއެވެ.
ޓްރައޭޖް އޭރިއާ ހުޅުވައިދެއްވީ މިނިސްޓާ އޮފް ހެލްތް އެންޑް ފެމިލީ ޑރ. އާމިނަތު ޖަމީލެވެ.
ޓްރައޭޖް ހުޅުވުމަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު ވިދާޅުވީ ޓްރައޭޖްގެ ނިޒާމުގެ ދަށުން ދުނިޔޭގެ އެކި އެކި ގައުމުތަކުގައި ވަރަށް ކާމިޔާބު ކަމާއެކު ފަރުވާ ދެމުން އަންނަ ކަމަށާއި ރާއްޖޭގައި ވެސް ޓްރައޭޖް ނިޒާމު ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެ ނިޒާމުގެ ދަށުން ފަރުވާ ދޭން ފެށުމުން އައިޖީއެމްއެޗް އިން ދެމުން އަންނަ ހިދުމަތްތަށް އިތުރަށް ތަރައްގީވެ ކުރިއަރައިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މީ އަޅުގަނޑުމެން މިތަނުގައި އަލަށް ފަށާ ކަމެއް ނޫން. މީ އެހެން ގައުމުތަކުގައިވެސް ކާމިޔާބުކަމާ އެކީ ހިންގަމުން އަންނަ ކަމަކަށް ވާތީ ރާއްޖޭގައި ވެސް އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެފަދަ ނިޒާމެއް ގާއިމް ކުރުމުގެ ސަބަބުން އިންސާފުވެރިކަމާއެކު ބަލި މީހުންނަށް ފަރުވާދެވޭނެ ކަމަށާއި އެ ނިޒާމުގެ ސަބަބުން ފަރުވާ ދެއްވާ ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް ފަރުވާ ދިނުމުގައި ލުއިފަސޭހެ ތަކެއް ވެގެންދާނެ ކަމަށެވެ.
"މިހާރު އޮންނަ ގޮތުން ފަރުވާ ދެވެނީ އަޑުގަދަ މީހުންނަށް. ނަމަވެސް މި ސިސްޓަމް ގާއިމްކުރުމުން ބަލިމީހުންނަށް އިންސާފުވެރިކަމާ އެކު ހިދުމަތް ދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ ސީއީއޯ ކެތަރިން ޖޭން ވޯޓާސް މިއަދު ވިދާޅުވީ ޓްރައޭޖް ނިޒާމުގެ ސަބަބުން އިމަޖެންސީ ފަރުވާ ކޮންމެހެން ބޭނުންވާ މީހުންނަށް އަވަހަށް އެ ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ބައެއް ބަލިމީހުން ކުޑައިރުކޮޅަކު މަޑުކޮށްލަން ޖެހުމުން ހިތްހަމަނުޖެހުންތަކެއް ކުރިމަތިވާނެކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ދުވަސްކޮޅަކުން އެކަން ހައްލުވެގެންދާނެ ކަމަށް ވެސް ކެތަރީން ވިދާޅުވި އެވެ.
އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލުގައި އަލަށް ގާއިމް ކުރި ޓްރައޭޖް ސިސްޓަމަކީ އިމަޖެންސީ ޑިޕާޓްމަންޓަށްދާ ބަލިމީހުން، އެ މީހަކަށް ފަރުވާ ބޭނުންވާ މިންގަނޑު ބަލައި އަވަސް ފަރުވާ ބޭނުންވާ މީހުންނަށް ވީ އެންމެ އެންމެ އަވަހަކަށް ފަރުވާ ދިނުމަށް ގާއިމް ކުރި ނިޒާމެއް ކަމަށެވެ. އަދި އެހޮސްޕިޓަލުގެ އަމާޒަކީ އިމަޖެންސީ ޑިޕާޓްމަންޓަށް ދައްކަން ދާ ކޮންމެ ބަލިމީހަކަށް ވެސް ގިނަ ވެގެން 60 މިނެޓް ތެރޭގައި ފަރުވާ ދިނުން ކަމަށެވެ. ނަމަވެސް އެއްމެ ބާރުބޮޑުވާ ގަޑިތަކުގައި އެއަށްވުރެ ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރައޭޖް ސިސްޓަމް މީގެ ކުރިން ވެސް އައިޖީއެމްއެޗުގައި ތަޖުރިބާކުރި ނިޒާމެކެވެ. ނަމަވެސް ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ކަމަށް ބުނެ ކުރިން އެ ސިސްޓަމް އުވާލީ އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: