18 Jun 2010, 09:56
14:30
ޚިދްމަތާއި ތަކެތީގެ އަގު އަތްފޯރާފަށަށް ގެންނެވުމަކީ، ސަރުކާރުގެ އަމާޒެއް ކަމަށާއި، އެކަން ކުރެއްވުމަށްޓަކައި މުޅި އިޤްތިޞާދު ހަރުދަނާކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހަކު ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ ހިތާބުގައި މިއަދު ވާހަކަދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ހިންގުމާ ގުޅޭގޮތުން މިދިޔަ މެއި މަހު އައި.އެމް.އެފުން ނެރެފައިވާ ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް ރިޕޯޓްގައިވާ ހުށަހެޅުންތަކުގެ މައްޗަށާއި، އަދި މި ޖޫން މަހު އައި.އެމް.އެފުން ނެރުނު ރިޕޯޓުގެ މައްޗަށް ބައްލަވައިލެއްވި އެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް ސަރުކާރުން ވަނީ ވަކި ޚާއްޞަ ޕްރޮގްރާމެއް އެކުލަވާލައިފައި ކަމަށް ވިދާޅުވެ، އެ ޕްރޮގްރާމް ސަރުކާރުން ހިންގަމުން ގެންދަނީ، އައި.އެމް.އެފް. އާއި ވާރލްޑް ބޭންކާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި އަދި އެނޫންވެސް ބައިނަލްއަޤްވާމީ މާލީ އިދާރާތަކާ ގުޅިގެންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އައިއެމްއެފްގެ އެ ރިޕޯޓުގައިވާ އެންމެހާ ކަންކަން ސަރުކާރުން ތަންފީޒު ކުރަމުން ގެންދިއުމުގެ ރަނގަޅު ނަތީޖާ މިހާރު ކޮންމެވެސް މިންވަރަކަށް ފެންނަމުން އެބަދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެ ރިޕޯޓުގައިވާ ކަންކަން ސަރުކާރުން ހިންގަން ފެށީ، 2009 ވަނަ އަހަރުގެ ފުރަތަމަކޮޅުގައިކަން ފާހަގަކުރައްވަމުން، އައި.އެމް.އެފް. ޕްރޮގްރާމްގައި ބައިވެރިވެ، އެކަންކަން ސަރުކާރުން ހިންގަން ފެއްޓުމާއެކު، ސަރުކާރަށް އެކަމުން ލިބޭނެ ފައިދާއާއި، މާލިއްޔަތަށާއި އިޤްތިޞާދަށް ހުރި މަންފާތައް އެނގިގެންދިޔަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި އައި.އެމް.އެފްއާއެކު ހިންގަވާ ޕްރޮގްރާމްތައް، ސަރުކާރުން މިގެންދަވަނީ ކުރިއަށް ކަމަށާއި، އެންމެ ފަހުން މި ޖޫންމަހު އައި.އެމް.އެފް.އިން ނެރުއްވި ރިޕޯޓުގައި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން ދައުލަތުގެ މާލިއްޔަތު މިހާރުވަނީ އެތައް ގޮތަކުން ރަނގަޅުވާން ފަށާފައިވާކަން ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މިދިޔަ އަހަރު ރާއްޖެއަށް ކުރިމަތިވި ޑޮލަރުގެ ދަތިކަމަށްވެސް ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިހާރު މިވަނީ ފަސޭހަކަމެއް ލިބިފައި ކަމަށްވެސް އެރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އައި.އެމް.އެފް.ގެ ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް ރިޕޯޓްގައި ކޮންމެ ދާއިރާއެއްގެ ޙާލަތު މިހާރު އެނގެން އޮތުން އެއީ ދެން މިފަދަ ރިޕޯޓެއް އެކުލަވައިލާއިރު، އަޅާކިޔާނެ ފެންވަރުތަކެއް ހުރެގެން، އެކަން ކުރިއަށް ގެންދެވޭނެ ވަސީލަތަކަށްވާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިއަދު ޚިޠާބުގައި، ސަރުކާރުން އަޅަމުން ގެންދަވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަދިވެސް ކުރިއަށް ގެންދިޔުމަށް އައި.އެމް.އެފުން އިލްތިމާސްކޮށްފައިވާ ކަމުގައި ވިދާޅުވި އެވެ. އަދި މިއަދު މިފެންނަ އިޤްތިޞާދު ރަނގަޅުވަމުންދާ ކަމުގެ ކުލަވަރު ފެންނަމުން މިއަންނަނީ އައި.އެމް.އެފްއާއެކު ސަރުކާރުން ހިންގާ ޕްރޮގްރާމްގައި، އެކަންކަން ކުރުމަށް ރޭވިފައިވާ ގޮތަށް ބަރާބަރަށް ގެންދެވޭތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެޕްރޮގްރާމްގައިވާ ކަންކަން އެގޮތަށް ނުކޮށްފިނަމަ، މާލީ ބޮޑެތި ދަތިތަކާ ކުރިމަތިވެދާނެ ކަމުގެ އިންޒާރުވެސް އައި.އެމް.އެފުން އެރިޕޯޓްގައި ދީފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.
ސަރުކާރުން އަބަދުވެސް ކުރަމުން ގެންދަނީ، ރާއްޖޭގެ ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅު ކުރުމަށް އަމާޒު ކޮށްގެން ކުރަމުން ގެންދާ މަސައްކަތްތަކެއް ކަމަށާއި، އިޤްތިޞާދު ހަރުދަނާވީމާ، އެކަމާ ގުޅިގެން، ރައްޔިތުންގެ އާމްދަނީ ރަނގަޅުވެގެންދާނެ ކަމަށް ސަރުކާރަށް ފެންނަ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.