މާދަމާއަށް ތާވަލުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގެ ހުކުމަށް މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުފޫޒު ފޯރުވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ތުހުމަތު ކުރައްވައިފި އެވެ.

ރައީސް ނަޝީދަށް ޝިޔާމް މިފަދަ ތުހުމަތެއް ކުރެއްވީ މިއަދު "ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭ ރިޕޯޓް" އާ ގުޅޭ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ކުރިއަށް ދިޔަ ބަހުސްގަ އެވެ.

މިއަދު މަޖިލީހުގައި ރިޕޯޓަށް ބަހުސް ކުރައްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް އެ މައްސަލަ ބައްލަވަން ބޭންދުމާ މެދު ޖޭއެސްސީން ވިސްނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން، ކުރިމިނަލް ކޯޓްގެ ރެކުރިއޭޝަން ކުލަބުގެ ވައިބާ ގުރޫޕަށް ގާޒީ ހައިލަމް ލީ ބޭ އަދަބީ ކާޓޫނެއްގެ މައްސަލައިގައި އޭނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން މިއަދު ވަނީ ބަލަން ފަށައިފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ގާޒީ ހައިލަމްގެ ވާހަކަ ދެއްކެވީ އެ މައްސަލައިގައެވެ.

ރޮޒައިނާގެ ވާހަކަތަކަށް ހިންވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވެސް ވަނީ ތާއީދު ކުރައްވާ ވާހަކަ ދައްކަވައިފައެވެ. ޖީހާން ވާހަކަދައްކަވަމުން ގެންދަވަނިކޮށް ނިޒާމީ ނުކުތުއާއެއް ނަންގައި ޝިޔާމް ވިދާޅުވީ ނަޝީދު މިއަދު މަޖިލީހަށް ވަޑައިގަތީ "ގާޒީ އާ ދޭތެރޭ ނިންމަން ޖެހޭ ކަންކަން ނިންމަވާފައި" ކަމަށެވެ.

" ހެނދުނު މަޖިލީހުގައި ނީންނަވާފަ، ތި ވަޑައިގަންނަވަނީ ޖޭއެސްސީއަށް، ޖޭއެސްސީއަށް ވަޑައިގެން މާދަމާ ތާވަލުކުރެވިފަ އޮތް މައްސަލައިގައި ގާޒީ އާ ދޭތެރޭ ނިންމަން ޖެހޭ ކަންތައްތައް ނިންމަވާފައި އަނެއްކާ ތި ވަޑައިގަންނަވަނީ މަޖިލީހަށް . އަނެއްކާ މަޖިލީހުގަ އެ ގާޒީއާ ބެހޭ ރިޕޯޓުގެ ވާހަކަ ދެކެވޭ އިރު މަނިކުފާނު ތި އިންނަވަނީ ރިޔާސަތުގައި. އެހެންވީމަ އަޅުގަނޑަކަށް ނޭނގެ ތި ހައްދަވަން އުޅޭ ގޮތެއް،" ޝިޔާމް ވިދާޅުވިއެވެ.

ގާޒީ ހައިލަމް ވައިބާ ގްރޫޕުގައި ލިޔުއްވި އެއްޗެއް އެކްޓިވިސްޓަކު ލައްވައި ޓުވީޓު ކުރެއްވީ ވެސް ނަޝީދު ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ. އަދި ޖޭއެސްސީ މެދުވެރިކޮށް ނަޝީދު މާދަމާގެ ޝަރީއަތުގެ އަޑުއެހުމަށް ނުފޫޒު ފޯރުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މާދަމާ އޮތް ޝަރީއަތަށް، ސީދާ ނުފޫޒު ފޯރުވުމަށްޓަކައި މަނިކުފާނު ރިޔާސަތުގައި އިންނަވައިގެން، މަނިކުފަނާ މަނިކުފާނުގެ ލޯޔަރުންނާ ދެން ތިބި ބަޔަކާ އެކީގައި ޖޭއެސްސީއޭ ކިޔާ ފާޑެއްގެ އެމްޑީޕީގެ ގޮތްޕެއް ހަދައިގެން މިހާރު ތި ސީދާ ކޯޓުތަކަށް ހަތަރެސް ފަޔާ، ބޮލާ މިހާރު ތި ބާނުއްވަނީ. އެހެންވީމަ މިކަންތައް ހުއްޓާލަން އިލްތިމާސް ކުރަން،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާ ކަމަށާއި އެ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވައިފައެވެ.

ރޮޒައިނާ ވިދާޅުވީ މިހާރު ދައުރުވަމުން އަންނަ މެސެޖުތަކަށް ބަލާއިރު ރައީސް ޔާމީންގެ މައްސަލަ ބައްލަވަން ގާޒީ ހައިލަމް ބޭންދުމަކީ ޖޭއެސްސީން ވިސްނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އިންސާފާ އެކީގައި މިފެންވަރުގެ ވިސްނުން ހުރި ފަނޑިޔާރަކަށް ރަނގަޅަށް ކަންތައްތައް ކޮށްދެވިދާނެ ކަމަކަށް،" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާގެ ވާހަކަތަކަށް ރައްދު ދެއްވައި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް ވިދާޅުވީ މާދަމާ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން އޮތީމާ މަޖިލިސް ތެރޭގައި "ޑްރާމާ ކުޅެން" އުޅޭނެ ކަމެއް ނެތް ކަމަށެވެ.