އަންނަ ވަނަ އަހަރަށް ޕްލޭން ކޮށްފައިވާ އިޖުތިމާއި ރައްކާތެރިކަމުގެ ޕްރޮގްރާމުތަކުގެ ތެރޭގައި އައްޑޫ ސިޓީ އަދި ބ. އޭދަފުށީގައި ކުޑަކުދިންގެ ހިޔާއެއް ގާއިމުކުރަން ބަޖެޓުގައި ހިމަނައިފި އެވެ.

އިއްޔެ މަޖިލީހުގައި ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ބަޖެޓުގައި އިސްކަން ދީފައި ވާނީ ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ފޯރުކޮށްދޭ އެހީތައް ދިނުމުގައި ހަމަހަމަ އުސޫލެއް ގާއިމްކުރުމަށް ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީގައި ގާއިމު ކުރާ ހިޔާއަށް 2020 ގެ ބަޖެޓުގައި 1.64 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އަދި އެ މަޝްރޫއަށް 2021 އަދި 2022 ވަނަ އަހަރުގެ ބަޖެޓުގައި ޖުމްލަ 12.73 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

އޭދަފުށީގައި ގާއިމު ކުރަން ނިންމާފައިވާ ކުޑަކުދިންގެ ހިޔާއަށް އަންނަ އަހަރުގެ ބަޖެޓުގައި 1.97 މިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު، 2021 ގެ ބަޖެޓުގައި 7.39 މިލިއަން ރުފިޔާ އަދި 2022 ވަނަ އަހަރުގެ ބަޖެޓުގައި 492،500 ރުފިޔާ ވަނީ ހިމަނައިފަ އެވެ.

މިހާރު ސަރުކާރުގެ ފަރާތުން ކުދިން ބަލަހައްޓަމުން އަންނަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލޭގައި ހުންނަ ފިޔަވަތީގަ އެވެ.

އައްޑޫ އަދި އޭދަފުށީގައި ކުޑަކުދިންގެ ހިޔާއެއް ގާއިމުކުރުމުގެ އިތުރުން، ހުޅުމާލެ އާ ލ. އަތޮޅުގައި އުމުރުން ދުވަސްވީ މީހުންގެ މަރުކަޒެއް ގާއިމުކުރުމަށް ވެސް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

އެ ދެ މަޝްރޫއަށް ޖުމްލަ 14 މިލިއަން ރުފިޔާ 2020 ގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. ހަމައެއާއެކު ހުޅުމާލޭގައި އަންހެނުންނަށް ފަރުވާދޭ ރެސިޑެންޝަލް ފެސިލިޓީއެއް ގާއިމުކުރުމަށް ހަތް މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ.

އޭގެ އިތުރުން ހުޅުމާލޭގައި ކުޑަކުދިންނަށް ފަރުވާދޭނެ ރެސިޑެންޝަލް ފެސިލިޓީއެއް ގާއިމުކުރަން އަންނަ އަހަރުގެ ބަޖެޓުގައި 19.12 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އެ މަޝްރޫއަށް ހޭދަވާނެ ކަމަށް ލަފާކޮށްފައިވާ ޖުމްލަ އަގަކީ 30.5 މިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ހުށަހަޅައިފައިވާ ބަޖެޓުގައި ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް 3.10 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.