ޓޯކިޔޯ: ޖަޕާނުގެ އިރުމަތީގެ ޕްރޮވިންސެއް ކަމަށްވާ އަބާރާޖީއަށް 5.5 ގެ ބާރުމިނުގައި މިއަދު ހެނދުނު ބިންހެލުމެއް އަތުވެއްޖެވެ.

ޖަޕާނުގެ މީޑިޔާ ބުނިގޮތުގައި އެޤައުމުގެ ގަޑިން 10:23 ގައި އައި މިބިންހެލުމުގެ ސަބަބުން މީހުންނަށާއި ތަކެއްޗާ އަދި ޢިމާރާތްތަކަށް މާބޮޑު ގެއްލުންތަކެއް ލިބުނު ކަމުގެ މަޢްލޫމާތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ވެރިރަށް ޓޯކިޔޯއަށްވެސް މިކަމުގެ ލޮޅުންތައް އައިސްފައިވާތީ ޢާންމުންގެ ހިތްތަކުގައިވަނީ ބިރުވެރިކަން އުފެދިފައެވެ.

މިބިންހެލުމުގެ މަރުކަޒުހުރީ ޓޯކިޔޯގެ އުތުރުން 130 ކިލޯމީޓަރުގެ އުތުރުގައި 10 ކިލޯމީޓަރު ފުނުގައި ކަމަށް ސައިސްމޮލޮޖީއާބެހޭ ޖަޕާނުގެ މަރުކަޒުން ބުނެއެވެ. މިއީ މިދިޔަ މާރޗް މަހުގެ 11 ވަނަ ދުވަހު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމަށްފަހު އެޤައުމަށް އައި 4 ވަނަ ބިންހެލުމެވެ. މާރޗް މަހުގެ ބިންހެލުމާއެކު ޖަޕާނަށް އެރި ސުނާމީ ބޮޑުރާޅުތަކާއެކު އެޤައުމުގެ ބޮޑުބައެއް ހަލާކުވެ ސުންނާފަތިވިއިރު 23 ހާސްމީހުން މަރުވެ އެތަށް ހާސްބަޔަކު ގެއްލި ލައްކައަކަށްވުރެ ގިނަމީހުން ޒަޚަމްވިއެވެ.

އެކާރިޘާގައި ޖާޕާނުގެ ފުކުޝީމާ ނިއުކްލިޔަރ ނިއުކްލިޔަރ އެކުވެނީގެ ރިއެކްޓަރުތަކަށްވެސް އިންތިހާއަށް ގެއްލުންވެ ނިއުކްލިޔަރ ރޭޑިއޭޝަނުގެ ކާރިޘާއެއްވެސްވަނީ ކުރިމަތިވެފައެވެ. ދުނިޔޭގެ ކަންކޮޅުތަކަށް ކޮންމެ އަހަރަކު އަންނަ ބިންހެލުންތަކުގެ ތެރެއިން 20% ބިންހެލުން އަންނަނީ ޖަޕާނަށް ކަމަށް ބިމުގެ ދިރާސާތަކާބެހޭ ރިޕޯޓްތައް ބުނެއެވެ. -- ނޫސްއެޖެންސީތައް