04 Nov 2019, 11:55
ފެށޭ އަހަރަަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގެ ތިންބައިކޮށްފައި ދެބައި މާލެ ސަރައްހަދުގެ ޕީއެސްއައިޕީގެ ޕްރޮޖެކްޓްތަކަށް ހާއްސަކޮށްފި އެވެ.
ދައުލަތުން 2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. ބަޖެޓުގައި ވާގޮތުން މާލެ ރީޖަންގައި ހިންގާ މަޝްރޫއުތަކަށް ޖުމްލަ 3.35 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. އަދި ހުރިހާ އަތޮޅެއް ހިމެނޭގޮތަށް ބަޖެޓުގައި އަތޮޅުތަކުގެ ތަރައްގީއަށް ހިމަނާފައިވަނީ 2.51 ބިލިއަން ރުފިޔާ އެވެ.
މާލެއަށް 3.35 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އޭގެ ތެރޭގައި މާލެ ތިލަފުށި ބުރިޖް މަޝްރޫއު ހިމަނާފައިވެ އެވެ. ސަރުކާރުން ބުނާގޮތުން މާލެ ތިލަފުށި ބުރިޖް މަޝްރޫއަކީ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ރާވާފައިވާ އެންމެ ބޮޑު ޕްރޮޖެކްޓެވެ. އެ ޕްރޮޖެކްޓަށް ފެށޭ އަހަރުގެ ބަޖެޓުން 105.2 މިލިއަން ހަރަދު ކުރަން ވަނީ ނިންމާފަ އެވެ. މުޅި ޖުމްލަ އެ މަޝްރޫއަށް ހަރަދުވާނީ 410.6 މިލިއަން ރުފިޔާ ކަމަށް ސަރުކާރުން ބުނެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ހުށަހަޅުއްވަނީ --- ފޮޓޯ/ މަޖިލިސް
އޭގެ އިތުރުން ގްރޭޓާ މާލެ ރީޖަންގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކުރޫޒް ޓާމިނަލަށް 1.3 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފަ އެވެ. އޭގެ އިތުރުން ވިލިމާލޭގައި ފުޓުބޯޅަ ދަނޑެއް ގާއިމް ކުރުމަށް 3.3 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި ހެންވޭރު ބޯޅަ ދަނޑު ތަރައްގީ ކުރުމަށް 3.8 މިލިއަން އަދި މާލޭ ޒުވާނުންގެ މަރުކަޒު ތަރައްގީ ކުރުމަށް 11 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފަ އެވެ.
މާލޭގެ މަގުތަށް ހަދަން ފަށާ ޕްރޮޖެކްޓަށް 98.5 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، އެމްއެންޕީއައިސީގެ އޮފީސް އިމާރާތެއް އެޅުމަށް 153.6 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފަ އެވެ.
މާލޭގެ ތައްރައްގީއަށް ހިމަނާފައިވާ ބައެއް ޕްރޮޖެކްޓްތައް
- އެމްއެންޕީއައިސީ އޮފީސް އިމާރާތް (ހުޅުމާލެ) - 153.6 މިލިއަން ރުފިޔާ
- ކިންގް ސަލްމާން މިސްކިތް އިމާރާތްކުރުމަށް - 18.8 މިލިއަން ރުފިޔާ
- އީސްޓްކޯސްޓް ރީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް - 23.3 މިލިއަން ރުފިޔާ
- މާލެ އިންޑަސްޓްރިއަލް ވިލެޖް - 4.2 މިލިއަން ރުފިޔާ
- މާލޭ މަގު ހެދުން - 78.9 މިލިއަން ރުފިޔާ
- ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް - 105.18 މިލިއަން ރުފިޔާ
- ގުޅީފަޅު ބިންހިއްކުން - 146.12 މިލިއަން ރުފިޔާ
އޭގެ އިތުރުން ހުޅުމާލޭގައި ކުޑަކުދިންނަށް ފަރުވާދޭ ރެސިޑެންޝަލް ފެސިލިޓީއެއް ގާއިމް ކުރުމަށް 19 މިލިއަން ބަޖެޓުގައި ހިމަނާފައިވެ އެވެ. އަދި އަންހެނުންނަށް ފަރުވާދޭ ރެސިޑެންޝަލް ފެސިލިޓީއެއް ގާއިމް ކުރުމަށް 7.4 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ހުޅުމާލޭގައި ޑޭ ކެއާ ސެންޓަރެއް ގާއިމް ކުރުމަށް 4.6 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ހުޅުމާލޭގައި ދުވަސްވީ މީހުންގެ މަރުކަޒެއް ގާއިމް ކުރުމަށް 7 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ. ޑިޕްލޮމެޓިކް އެންކްލޭވްއަށް ބޭނުންވާ ބިން ހުޅުމާލެއިން ގަތުމަށް ބަޖެޓުގައި އެ ބިލިއަން ރުފިޔާ ވަނީ ޖަހާފަ އެވެ.
މާލޭގެ އިތުރުން ދެން އެންމެ ބޮޑު ބަޖެޓެއް ޕީއެސްއައިޕީ މަޝްރޫއުތަކަށް ލިބިފައިވަނީ އައްޑޫ ސިޓީއަށެވެ. އެއީ 523 މިލިއަން ރުފިޔާ އެވެ. ޕީއެސްއައިޕީ ޕްރޮޖެކްޓް ހިންގަން އެންމެ ކުޑަ ބަޖެޓެއް ލިބިފައިވަނީ ވ. އަތޮޅަށެވެ. އެއީ 42 މިލިއަން ރުފިޔާ އެވެ.
ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރާނީ ބަޖެޓް ކޮމިޓީއިން ބަޖެޓް ދިރާސާކޮށް ނިންމައި ތަޅުމަށް ހުށަހެޅުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީ އެކުލަވާލަނީ އިގްތިސާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީ އެއްކޮށްލައިގެން އެކުލަވާލާ ކޮމިޓީއަކުންނެވެ.