04 Nov 2019, 11:57
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ 37.50 ބިލިއަން ރުފިޔާގެ ބަޖެޓަކީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭނެ ބަޖެޓެއް ކަމަށާއި އެ ބަޖެޓު ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކޮށް ދެއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގެންފި އެވެ.
މިނިސްޓަރު އަމީރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓްގައިވާ ގޮތުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ބަޖެޓްގެ ޑެފިސިޓް ނޫނީ ބަޖެޓް ދަރަންޏަކީ 5.68 ބިލިއަން ރުފިޔާ އެވެ.
"ވިހި ވިހި ވަނަ އަހަރުގެ ބަޖެޓު ވެގެންދާނީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭނެ ބަޖެޓަކަށް. ބަޖެޓުގެ ސިޔާސަތުގެ ތެރެއިން އިގްތިސޯދީ ކުރިއެރުން ގެނުވައި ރައްޔިޔުންގެ އަތްމަތި ތަނަވަސްކުރުމަށް އެހީތެރިވެދޭނެ ބަޖެޓަކަށް،"
ސަރުކާރުގެ ސިޔާސަތުތައް ފުރިހަމައަށް ހިމަނައިގެން، ޖަޒީރާ ރާއްޖެ މެނިފެސްޓޯގައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރަން ފުރުސަތު ލިބުނު ފުރަތަމަ ބަޖެޓު ކަމުން، އެ ބަޖެޓު ވެގެންދާނީ ދިވެހި އެންމެހާ ރައްޔިތުންނަށް ގަދަރުވެރި ދިރިއުޅުމެއް ލިއްބައިދިނުމަށް މަގުފަހިކޮށްދޭ ރައްޔިތުންނަށް ބުރަ ބޮޑު ނުވާނެ ފަދަ އުސޫލުތަކެއްގެ މަތިން ޖަޒީރާ ދިރިއުޅުމަކަށް މަގުކޮށައިދޭނެ ބަޖެޓަކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
"ދައުލަތުގެ ހުރިހާ އޮފީސްތަކަކުން ވެސް ތިޔަ އޮފީހުގެ ބައިވެރިވުމާއި ރޭވުންތެރިކަމާ އެކު ތައްޔާރުކޮށް މި ހުށަހެޅި ބަޖެޓު ތަންފީޒު ކުރުމަށް ސަމާލުކަންދިނުން އެދެން. ބަޖެޓު ތަންފީޒުކުރުމުގައި ޒިންމާދާރުވެ ބަޖެޓުގައި ހިމެނިފައިވާ ހަރަކާތްތަކާއި މަޝްރޫއުތައް ރައްޔިތުންނަށް ވާސިލްކޮށްދީ ބަޖެޓުގައި ހިމެނިފައިނުވާ ކަންތައްތައް މިވަގުތު މަޑު ޖައްސާލުމަކީ ބަޖެޓު ކްރެޑިބިލިޓީ ހިފެހެއްޓުމަށް މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ހަރަދު ބޮޑު ނުކޮށް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް މާލީ މިންގަނޑުތައް ދުޅަހެޔޮކުރުމަށް މަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރު އަމީރު ވަނީ އެދިވަޑައިގެންފަ އެވެ.
"އެހެންކަމުން ތިޔަ އިއްޒަތްތެރި މެންބަރުންގެ އަރިހުން އަޅުގަނޑު މިއަދު އެދޭއެދުމަކީ މި އިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު މި ހުށަހެޅި 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު އަޅުގަނޑު މި ހުށަހެޅި ގޮތަށް ފާސްކޮށްދެއްވުން." އަމީރު ވިދާޅުވި އެވެ.