20 Nov 2011, 16:43
ޗެލްސީގެ ސްޕެއިން ފޯވާޑް ފެނާންޑޯ ޓޮރޭސް އަށް ފަންސާސް މިލިޔަން ޕައުންޑްގެ އަގު ހައްގުވާ ކަމަށް އެކުލަބުގެ ކޯޗް އަންދުރޭ ވިޔަސް ބޮއަސް ބުނެފި އެވެ.
މިމަހުގެ ޖެނުއަރީ ޓްރާންސްފާގައި ޗެލްސީ އަށް ގެނައި އުމުރުން 27 އަހަރުގެ ފޯވާޑް ޓޮރޭސް އަށް ވަނީ އެކުލަބަށް ގިނަ ގޯލުތަކެއް ކާމިޔާބު ކޮށްދެވޭ ގޮތް ނުވެފައެވެ. އެހެންކަމުން ޓޮރޭސް އަށް ވަނީ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފަ އެވެ.
ޕްރެމިއާ ލީގުގައި ޗެލްސީ އަށް ޓޮރޭސް ކާމިޔާބު ކޮށްދީފައި ވަނީ އެންމެ ތިން ގޯލެވެ. ޗެލްސީ އަށް ބަދަލުވިތާ އެގާރަ މަސް ވެފައިވާ ޓޮރޭސްގެ ކުޅުން ދެއްކިފައި ނުވި ނަމަވެސް އޭނާ އަށް ފަންސާސް މިލިޔަން ޕައުންޑްގެ އަގު ހައްގުވާކަމަށް ވިޔަސް ބޮއަސް ބުނެފައި ވެއެވެ.
"ހަމަ ޔަގީނުން ވެސް ޓޮރޭސް އަށް ފަންސާސް މިލިޔަން ޕައުންޑްގެ އަގު ހައްގުވޭ. ފޯވާޑެއް ހުންނަނީ ކޮންމެހެން ގޯލުތެރެއަށް ގިނަ ލަނޑުތަކެއް ޖަހާކަށެއް ނޫން. ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދާ ޓީމަށް އެހީތެރިވުމަކީ ވެސް ފޯވަޑެއްގެ ޒިންމާ އެއް. ޓީމަށް މިސީޒަނުގައި އެންމެ ގިނަ ގޯލުޖަހައިދީފައި ވަނީ ދެ ފޯވަޑުން. އެއީ ރަމިރޭސް އާއި ލަމްފާޑް. އެމީހުންނަށް އެފުރުސަތު ހޯދައިދެނީ ކޮންމެވެސް ކުޅުންތެރިންތަކެއް." ޗެލްސީގެ ކޯޗް ވިޔަސް ބޮއަސް ބުންޏެވެ.
ލިވަޕޫލް އިން ޗެލްސީ އަށް ބަދަލުވުމުން ސަޕޯޓަރުންގެ ގިނަ ފާޑުކިޔުންތަކެއް ޓޮރޭސް އަށް އަމާޒުވި އިރު އެކުލަބުގެ ސްޕެއިން ގޯލްކީޕަރު ޕެޕޭ ރޭނާ ވަނީ ލިވަޕޫލް ދޫކޮށް ޓޮރޭސް ދިޔަ ސަބަބު ހާމަކޮށްފަ އެވެ.
"އަހަރެންނަށް އެނގޭ ލިވަޕޫލް ދޫކޮށް ޓޮރޭސް ދިޔަ ސަބަބު. ލިވަޕޫލް ގައި ހުރެ އިތުރު ކާމިޔާބެއް ނުލިބޭނެ ކަން އެނގުމުން ޓޮރޭސް އެދިޔައީ. އެހެންވެ ޗެލްސީ އިން ހުށަހެޅި ހުށަހެޅުން ޓޮރޭސް ގަބޫލުކުރީ. މިއީ އަހަރެމެން ކުރިން ލިވަޕޫލް އަށް ގުޅުނު އިރުގެ ލިވަޕޫލް އެއް ނޫން." ރޭނާގެ އޮޓޯ ބަޔޮގްރަފީގައި ލިޔެފައި ވެއެވެ.