04 Nov 2019, 13:12
ބަޣްދާދު (ނޮވެމްބަރު 4) : އިރާގުގައި ސަރުކާރާ ދެކޮޅަށް ކުރަމުން ގެންދާ މުޒާހަރާތަކުގެ ސަބަބުން އެތަށް ބިލިޔަން ޑޮލަރެއް ގެއްލުން ގައުމަށް ވަމުންދާކަމަށާއި އެހެންކަމުން މުޒާހަރާތައް ހުއްޓާލުމަށް އެގައުމުގެ ބޮޑުވަޒީރު އާދިލް އަބްދުލްމަހްދީ މުޒާހަރާކުރާ ފަރާތްތަކަށް އިލްތިމާސް ކުރައްވައިފި އެވެ.
އަބްދުލްމަހްދީ ސޮއިކުރައްވައި އިރާގުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި، މުޒާހަރާތަކުގެ ސަބަބުން ކާބޯތަކެތީގެ ސަޕްލައި އަށް ހުރަސްއެޅި ތަކެތީގެ އަގުބޮޑުވަމުންދާ ކަމުގެ އިންޒާރު ދެއްވާފައިވެ އެވެ. އަދި މުޒާހަރާތަކާ ގުޅިގެން ތެލުގެ ސިނާއަތަށް ވެސް ހުރަސްތައް ކުރިމަތިވެ އިރާގުގެ އިންޕޯޓް އެކްސްޕޯޓަށް ބޮޑެތި މައްސަލަތަކެއް ދިމާވަމުންދާކަން ވެސް ބަޔާންކޮށްފައިވެ އެވެ.
އިރާގުގައި ސަރުކާރާ ދެކޮޅަށް ކުރަމުން ގެންދާ މުޒާހަރާތައް އެގައުމުގެ ކަންކޮޅުތަކަށް ފެތުރި މުޒާހަރާކުރާ ފަރާތްތަކުން މަގުތަކާއި ބައެއް މުއައްސަސާތައް ބަންދުކޮށްފައިވާ އިރު އިރާގުގެ ކަނޑުގެ ބަނދަރު ކަމަށްވާ "އުންމުޤަސްރު"ގައި ހަނޑުލުގެ ޝިޕްމަންޓްތަކާއި އެނޫން ވެސް ކާބޯތަކެތީގެ ޝިޕްމަންޓްތައް ވަނީ ސަޕްލައި ނުކުރެވި ތޮއްޖެހިފައި ކަމަށް އެގައުމުން ބުނެ އެވެ.
އިރާގުގައި ސަރުކާރާ ދެކޮޅަށް މިދިޔަ މަހުން ފެށިގެން ކުރަމުންދާ މުޒާހަރާތައް ދުވަސްކޮޅަކަށް މެދުކެނޑުމަށް ފަހު މިދިޔަ ހަފްތާގައި އަލުން މުޒަހަރާތައްވަނީ ފެށިފަ އެވެ. އެ މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް ދުއިސައްތަ ފަންސާހަށް ވުރެ ގިނަމީހުން މަރުވެ އެތައް ހާސްބަޔަކު ޒަޚަމްވެފައިވީ ނަމަވެސް މުޒާހަރާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެ އެވެ. މުޒާހަރާކުރާ ފަރާތްތަކުގެ މައިގަނޑު މަގްސަދަކީ ކޮރަޕްޝަން ހުއްޓުވުމާއި ސަރުކާރު އިސްތިއުފާދިނުމާއި ޕާލަމެންޓް އުވާލައި އަވަސް އިންތިޚާބެއް ބޭއްވުމެވެ. މުޒާހަރާތަކުގެ ބައިވެރިންވަނީ އިރާގު ސަރުކާރުން ރައްޔިތުންނާ މެދު ތަފާތުކުރުން ގެންގުޅުމާއި ވަކިބައަކަށް ނޫނީ އިންސާފު ހޯދައި ދިނުމުގައި ސަރުކާރު ފޭލްވެފައިވާ ކަމުގެ އަޑުތައް އުފުލާފަ އެވެ.
މުޒާހަރާތަކަށް އިޖާބަ ދިނުމުގެ ގޮތުން މަގާމުން އިސްތިއުފާ ދެއްވަން ބޮޑުވަޒީރު އާދިލް އަބްދުލްމަހްދީ ހުންނެވީ ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނާއިރު އިރާގުގެ ރައީސް ބަރްހަމް ސާލިހު ވަނީ ޕާލަމެންޓް އުވާލައި އަވަސް އިންތިޚާބެއް ބޭއްވުމާ ބެހޭ ގާނޫނެއް ފާސްކުރުމުގެ މަސައްކަތް ޕާލަމެންޓުން ކުރިޔަށް ގެންދާކަން ހާމަކުރައްވާފަ އެވެ.
އިރާގުގެ ރައްޔިތުން މިހާވަރުގަދައަށް މުޒާހަރާތައް ކުރިޔަށްގެންދަނީ އިގްތިސާދީ ގޮތުން ރައްޔިތުންގެ ގިނަބަޔަކު އިނދަޖެހި އަތްމަތި ދަތިވެ ކަރަންޓާއި ފެނާއި ސިއްޙީ ޚިދްމަތްތައްފަދަ އާންމު އިޚްމަތްތައް އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ސަރުކާރު ނާކާމިޔާބު ވުމުގެ އިތުރުން ކޮރަޕްޝަން ހައްދުން ނައްޓާފައިވުމުގެ ސަބަބުންކަމަށް ރިޕޯޓްތައް ބުނެ އެވެ. މުޒާހަރާތަކުގައި ވެސް އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ މިކަންކަމެވެ.
މިއީ 2003 ވަނަ އަހަރު އެމެރިކާ އިރާގަށް އަރައިގަނެ އޭރުގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް ފަހު އިރާގަށް ކުރިމަތިވި ބޮޑެތި މުސާބާތްތަކަށް ފަހު އެގައުމުގައި ކުރަމުން ގެންދާ އެންމެ ބޮޑު މުޒާހަރާތައް ކަމަށް މުހައްލިލުން ވިދާޅުވެ އެވެ. މި މުޒާހަރާތަކުގެ ސަބަބުން އިރާގުގެ ސިޔާސީ އަދި އިގްތިސާދީ ނިޒާމަށް ލޮޅުން އަރައި އިރާގުގެ އިގްތިސާދީ އަދި އިޖްތިމާއީ ގިނަ ހަރަކާތްތަކެއްވަނީ ހުއްޓުމަކަށް އައިސްފަ އެވެ. (ނޫސްއެޖެންސީތައް)