04 Nov 2019, 09:56
އާންމު ސިއްހަތުގެ ގޮތުގައި އަންނަ އަހަރު ފާހަގަކުރުމުގެ ގޮތުން އެކަމާ ގުޅޭ މަހާސިންތާއެއް ފަށައިފި އެވެ.
ޕެރަޑައިސް އައިލެންޑް ރިޒޯޓުގައި ކުރިއަށްދާ އެ މަހާސިންތާ ރަސްމީކޮށް ފައްޓަވައި ދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
މިއަދުން ފެށިގެން މި ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މަހާސިންތާގައި ސިއްހީ ދާއިރާއާ ގުޅޭ ގިނަ ފަރާތްތައް ބައިވެރިވާނެ އެވެ.
އެ މަހާސިންތާގައި ރާއްޖޭގެ އާންމު ސިއްހީ ހާލަތު ރަނގަޅު ކުރުމާ ގުޅޭ ގޮތުން އެކި ފަރާތްތަކުން ތަފާތު ކަރުދާސްތައް ހުށަހަޅާނެ އެވެ. އާންމު ސިއްހަތުގެ ކާމިޔާބީތަކާއި ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ކާމިޔާބީތަކާއި ސިއްހީ ދާއިރާ އިތުރަށް ކުރިއެރުވުމާ ގުޅޭ ގޮތުން ވެސް އެ މަހާސިންތާގައި ކަރުދާސްތައް ހުށަހަޅާނެ އެވެ.
ސިއްހީ ދާއިރާއާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ އާންމު ސިއްހަތާ ގުޅުން ހުރި ކަންތައްތައް ކާމިޔާބުކުރުމުގައި އެންމެ އެކަށީގެންވާ ގޮތްތަކާ މެދު ވެސް އެ މަހާސިންތާގައި ވާހަކަ ދައްކާނެ އެވެ.
މިއަދުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖޭގައި ބާއްވާ ފުރަތަމަ އާންމު ސިއްހަތުގެ މަހާސިންތާ ކުރިއަށް ގެންދަނީ ވަރަށް ގިނަ އުއްމީދުތަކަކާއެކުގައި ކަމަށެވެ.
"ސިއްހީ ދާއިރާގެ އެހާއިރުގެ ފަންނުވެރިންނާއި ހިދުމަތްތެރިން އަދި ތަމްސީލުކުރުމުގެ ތެރެއިން އަޅުގަނޑުމެން އެންމެން އެއްވެ މިތިބީ އަޅުގަނޑުމެންގެ ކުރިމަތީގައި މިވާ ބަލީގެ ގިލަންވެރިކަމުން ސަލާމަތްކަން ހޯދުމަށް ބުއްދިކޮށް ފިކުރު ހިންގައި ހައްލުތައް ކަރުދާސްކުރުމަށް ޓަކައި،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.
އެ މަހާސިންތާއަކީ މިއަދުގެ ނަތީޖާއަށް އުއްމީދުކޮށްގެން ކުރިއަށް ގެންދާ މަހާސިންތާއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެ މަހާސިންތާގެ ބޭނުމަކީ ކުރިއަށް އޮތްތަނުގައި ދިވެހިންނަށް ފުރިހަމަ ސިއްހަތެއް ގާއިމުކުރުމަށް މަގުޗާޓެއް އެކުލަވާލުން ކަމަށެވެ.