ޕޯޓޯގެ އުރުގުއޭ ޑިފެންޑަރު އަލްވާރޯ ޕެރޭރާ އަށް ޗެލްސީ އަށް ހުށަހެޅި ދެވަނަ ހުށަހެޅުމަށް އޭނާ އިންކާރެއް ނުކުރި އެވެ. މިސީޒަން ފެށުމުގެ ކުރިން އައި ޓްރާންސްފާ މުއްދަތު ތެރޭގައި ވެސް ޕެރޭރާ ހޯދުމަށް ޗެލްސީ އިން ބޮޑު މަސައްކަތެއް ކޮށްފައި ވެއެވެ.

ފުރަތަމަ ނާކާމިޔާބީ އަށް ފަހު އަލުން ޗެލްސީ އިން ޕެރޭރާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިނގިރޭސި ރިޕޯޓްތަކުން ވެސް ބުނަމުން ދެއެވެ. ސީޒަން ފެށުމުގެ ކުރިން އޮތް ޓްރާންސްފާ މުއްދަތުގައި ޕެރޭރާ ހޯދުމާއި ގާތުގައި ވީ ނަމަވެސް ޕޯޓޯ އިން ބޭނުންވި ހުށަހެޅުމެއް ޗެލްސީ އަށް ދެވިފައެއް ނުވެއެވެ.

"ޗެލްސީ އިން ޕެރޭރާ އަށް ޝައުގުވެރިވާ ހަބަރު އަހަރެން އަޑު އެހިން. އަދި އެކަމާއި މެދު އެއްވެސް އެއްޗެކޭ ބުނާކަށް ނެތިން. ޕެރޭރާ އާއި ޕޯޓޯ އާއި ދެމެދު ހަދާފައިވާ އެއްބަސްވުން ދާދި ފަހުން ވަނީ އާކޮށްފަ. ނަމަވެސް ރިލީޒް އަގެއް ހުށަހަޅައިގެން ޕެރޭރާ އަދިވެސް ހޯދިދާނެ." ޕެރޭރާގެ އެޖެންޓް އަލެޖެންޑްރޯ ސަވިޗް ބުންޏެވެ.

އުމުރުން 25 އަހަރުގެ ޕެރޭރާ އަކީ ޕޯޓޯ އާއި އުރުގުއޭ ގައުމީ ޓީމަށް މޮޅު ކުޅުމެއް ދައްކަމުންދާ ކުޅުންތެރިއެކެވެ. ޕެރޭރާ ވަނީ ޕޯޓޯ އަށް މިދިޔަ ސީޒަނުގެ ޕޯޗުގަލް ލީގާއި ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިނުމުގައި އެހީތެރިވެދީފައެވެ. މީގެ އިތުރުން އުރުގުއޭ އަށް ކޮޕާ އެމެރިކާ ކާމިޔާބު ކޮށްދިނުމުގައި ވެސް ޕެރޭރާ ގެ ބޮޑު ހިއްސާއެއް ވެއެވެ.