އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

މިނިސްޓަރު އަމީރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓްގައިވާ ގޮތުން، އެ ބަޖެޓްގެ ޖުމްލަ އަކީ، 37.50 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އާމްދަނީގެ ބައިތައް:

  • ޓެކްސްގެ އާމްދަނީ - 17.85 ބިލިއަން ރުފިޔާ

  • ޓެކްސް ނޫން އާމްދަނީ - 6.85 ބިލިއަން ރުފިޔާ
  • ހިލޭ އެހީ އަދި އެހެނިހެން - 5.22 މިލިއަން ރުފިޔާ

އެހެން ކަމުން އަންނަ އަހަރަށް ލަފާކުރި ބަޖެޓްގެ ޑެފިސިޓް ނޫނީ ބަޖެޓް ދަރަނީގެ ގޮތުގައި 5.68 ބިލިއަން ރުފިޔާ އެވެ.

ޑެފިސިޓް ފޫބައްދަން ނިންމާފައި ވަނީ އެތެރެ އާއި ބޭރުގެ ފަރާތްތަކަށް ޓީ-ބިލާއި ޓީ-ބޮންޑް އަދި ބޭރުން ލޯނު ނަގައިގެން އެވެ.

ޑެފިސިޓް ފައިނޭންސް ކުރާނެ ގޮތް:

  • މަޝްރޫއުތަކަށް ނަގާ ލޯނު - 3.04 ބިލިއަން ރުފިޔާ

  • ބޮންޑާއި ސުކޫކް ވިއްކައިގެން - 4.63 ބިލިއަން ރުފިޔާ
  • އެތެރޭގެ މާކެޓަށް ވިއްކާ ޓީ-ބިލާއި ބޮންޑް - 564 މިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީން 2020 ގެ ދައުލަތުގެ ބަޖެޓު މަޖިލީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަރާތުން ދައުލަތުގެ ބަޖެޓު ހުށަހެޅި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު 2019 ވަނަ އަހަރުގެ ބަޖެޓު ހެދީ އޭރު ވެރިކަމަށް އަންނަން ތައްޔާރުވެފައި އޮތް، މިހާރުގެ ސަރުކާރުގެ ލަފަޔާއެކު ނަމަވެސް އެ ބަޖެޓު ހުށަހެޅީ އޭރުގެ ސަރުކާރުންނެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަކީ 30 ބިލިއަނެވެ. އަދި އޭގެ އިތުރުން މި ސަރުކާރުން ވަނީ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް އޯގަސްޓް މަހުގެ ފަހުކޮޅު ހުށަހަޅާއި ފާސްކޮށްފަ އެވެ.