04 Nov 2019, 09:01
އިންޑިއާގެ ފަތުުރުވެރިންތަކެއް ރިސޯޓެއްގައި ރާއްޖޭގެ ފޮޓޯގްރާފަރަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގައިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 5:15 އެހާކަންހާއިރު ރެސިޑެންސް މޯލްޑިވްސް ރިސޯޓްގައި ކަމަށެވެ.
ފުލުހުން ބުނީ އެ މާރާމާރީ ހިންގާފައިވަނީ ފޮޓޯގްރާފަރު ނެގި ބައެއް ފޮޓޯ ތަކަކާ ގުޅިގެން ކަމަށެވެ. އެ ހާދިސާގައި ފޮޓޯގްރާފަރަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުށަހެށީ ފޮޓޯގްރާފަރު ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނަށް އައިސް ކަމަށާއި އަދި މައްސަލަ ހުށަހެޅުމާއެކު އޭނާގެ ބަޔާން ނަގައި އަދި ރިސޯޓަށްގޮސް ފަތުރުވެރިންގެ ބަޔާންވެސް ނަގައިފައިވާ ކަމަށެވެ.
އެ މައްސަލަ ނުބަލާކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި އޮތް ނަމަވެސް އެ މައްސަލަ ނުބަލަން އެއްވެސް އިރަކު މަސައްކަތް ކޮށްފައިނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އެ މައްސަލަ މިހާރު އިތުރަށް ތަހުގީގް ކުރަމުންދާ ކަަމަށް ވެސް ބުންޏެވެ.