ރާއްޖޭގެ ފަތުރުވެރިކަން އިޓަލީގައި އިޝްތިހާރުކުރަން އެ ގައުމުގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

އިޓަލީގެ ނޫސްވެރިންނާއި ސޯޝަލް މީޑިއާ އިންފުލުއެންސަރުންގެ މައްޗަށް އެކުލެވިގެންވާ އެޓީމު ރާއްޖެ އައީ އިއްޔެ އެވެ.

މޯލްޑިވްސް މާކެޓިކް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ މިއީ ފުޅާ ދާއިރާއެއްގައި ރާއްޖެ އިޝަތިހާރު ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ ތެރެއިން 16 ވަނަ ދަތުރު ކަމަށެވެ.

މި މަހުގެ 10 ވަނަ ދުވަހުގެ އެ ޓީމް ރާއްޖޭގައި މަޑުކުރާއިރު ގެސްޓު ހައުސްތަކާއި ރިސޯޓްތަކާއި އަދި ލިވަބޯޑްގައި ތިބޭނެ ކަމަށް ވެސް އެމްއެމްްޕީއާރުސީ އިން ބުންޏެވެ.

މި ދަތުރުގައި ބައިވެރިވާ އިޓަލީގެ ޓީމުގައި ޖީކިއު އިޓާލިއާ ވެނިޓީ ފެއާ ޓޫރިސްޓާ ވިއާގީ ކޮރިއެރޭ އިލް ޖޯރުނާލޭ ފަދަ މަޝްހޫރު މަޖައްލާތަކަށް ލިޔުންވާ ނޫސްވެރިންނާއި އިޓަލީގެ މަޝްހޫރު ޓްރެވަލް އިންފުލުއެންސަރުންގެ ތެރޭގައި ހިމެނޭ ރޮބާޓޯ ދި ރޯސާ އަދި ލޮރެންޒޯ ލިވެރާނީ ހިމެނެ އެވެ. އެ ބޭފުޅުން ރާއްޖޭގެ ތަޖުރިބާ މީޑިއާގެ އެކި އެކި ޕްލެޓްފޯމްތަކުގައި ޝާއިއުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި މިހާރު އިޓާލީ ހިމެނެ އެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމަައަށް އިޓަލީގެ 97375 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

އެމްއެމްއޕީއާރުސީން ބުނީ އެ ދަތުރުގެ ސަބަބުން ރާއްޖެ އިތުރަށް އިޝްތިހާރުވެގެންދާނެ ކަަމަށެވެ.

އިޓަލީގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން އެގައުމުގައި ބާއްވާ އެންމެ ބޮޑު ފެއާ ޓީޖީޓީ ޓްރެވަލްފެއާގައި ވެސް ރާއްޖެ އިން ވަނީ ބައިވެރިވެފަ އެވެ.