03 Nov 2019, 23:09
ނަވާރަސަތޭކަ އަށްޑިހައަށްވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ޓެރަރިސްޓުންތަކެއް ރާއްޖެ އެތެރެވެ، މާލެއާ ހަމައަށް އައި އިރު ރާއްޖޭގެ އެއްވެސް ބަޔަކަށް އެކަން ނޭނގޭކަމަށާއި، ނަމަވެސް މިހާރު ނޭނގި ހުއްޓާ ރާއްޖެއަށް ނުރައްކާތައް ވަނުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކުރެވިއްޖެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމަށް މިރޭ އެމްއެންޑީއެފުން ކަޅުތުއްްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި، މީގެ 31 އަހަރު ކުރިން 3 ނޮވެމްބަރު ވަނަ ދުވަހަށް އިޝާރާތްކުރައްވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ކައިރި ގައުމެއްގެ ޓެރަރިސްޓު ޖަމާއަތެއް ރާއްޖެ އެތެރެވެ، މާލެއާ ހަމައަށް އައި އިރު އެކަން ނޭނގޭ ކަމަށާއި އެމީހުން މާލެ އެރި އިރު މުޅި މާލެ އޮތީ ފުން ނިދީގައި ކަމަށެވެ.
"ދުޝްމިނުންގެ ވަޒަންތަކާ ފުރަތަމަ ކުރިމަތިލެއްވި ޝަހީދު އާދަމް ހުސައިންގެ އަތުން ވަޒަން ހުސްވުމުން އިތުރަށް ވަޒަން ފޯރުކޮށްދެވޭނެ ގޮތެއް ނެތް. އަދި ރައްކާތެރި އެހެން ތަނަކަށް ޖެހިލެވޭނެ ގޮތެއްވެސް ނެތް. ސިފައިންގެ މައިބަޑިގުދަން ތަޅުދަނޑިފަތި އޮތީ މަރުކަޒުން ބޭރުގައި. އޮފް ޑިއުޓީ އުޅުނު ސިފައިންގެ ބޭކަލަށް ޖެހިވަޑައިގަތީ އެ ތަޅުދަނޑިފަތި ބަންޑާރަކޮށީގެ ފާރުމަތިން އެއްލަން،" މާރިޔާ ވިދާޅުވިއެވެ.
އެ ހާދިސާއަަށް އިޝާރާތްކުރައްވައި މާރިޔާ އިތުރަށް ވިދާޅުވީ އެ ދުވަހު ސިފައިންގެ ހިސޯރުކޮށް ދުޝްމަނުން މުޅި މާލޭގެ އެކި ހިސާބަށް ގޮސް ގޭގެއަށްވެސް ހަމަލާ ދިން ކަމަށެވެ. އަދި އޭރު މުޅި ދައުލަތުގެ ދިފާއު އޮތީ ބަންޑާރަކޮށްޓަށް ބަރޯސާވެގެންކަން މާރިޔާ ފާހަގަކުރެއްވިއެވެ.
ނޮވެމްބަރ ތިނެއްގެ އުދުވާނުގެ ހާދިސާއަށް އިޝާރާތްކުރައްވައި މާރިޔާ އިތުރަށް ވިދާޅުވީ އެ ދުވަހާ އަޅާބަލާއިރު މިއަދު ސިފައިން ތައްޔާރުވެފައިވާ މިންވަރާއި އެލާޓް ލެވަލްގެ އިތުރުން އޮޕަރޭޝަނަލް އިންތިޒާމް ވަރަށް ބޮޑުތަން ރަނގަޅު ކަމަށެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަދި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ރާއްޖޭގައި ރާޑަރު ސިސްޓަމްތައް ހަރުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓެމުން ގެންދެވޭ. އަޅުގަނޑުމެންނަށް ނޭނގި ޑިޓެކްޓުނުވެ ނުރައްކާތައް ދެން އަޅުގަނޑުމެންގެ ސަރަހައްދަށް ވަނުމުގެ ފުރުސަތުތައް ވަނީ ވަރަށްވެސް ހަނިކުރެވިފައި،" ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ބޭރުގެ އަސްކަރިއްޔާތަކުން ލިބޭ އެހީގެ ތެރެއިން މިހާރު ސިފައިންނަށް ބޭނުންވާ ގިނަ އަދަދެއްގެ ހަތިޔާރާއި އެހެނިހެންވެސް އާލާތްތައް ހޯދިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތިނެއް ނޮވެމްބަރު 1988 ވަނަ ދުވަހު ރާއްޖެއަށް ސްރީލަންކާގެ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ޖަމާއަތުގެ ބާޣީން ރާއްޖެ އަރައި، އަދި އެމީހުންގެ ރޭވުމާ އެއްގޮތަށް ކަންކަން ނުދާކަން އެނގުމުން މާލެއިން ފައިބައި، ފިލަން ނިންމިއެވެ. އަދި ޕްރޮގްރެސްލައިޓު ކިޔާ ބޯޓު ހިފައި، އޭގައި ފިލަން އުޅެނިކޮށް އެމީހުން ހުއްޓުވީ ރާއްޖެއިން އިންޑިއާ ސިފައިންގެ އެހީއަށް އެދުމުން، އެމީހުންގެ އެހީގައެވެ.
އެދުވަހު އިންޑިއާގެ އެހީއަށް އެދުނިިއިރު އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެ އަންނަން އުޅުނުއިރު މަތިންދާ ބޯޓު ޖައްސަން ހުޅުލެ އަދި މާލޭގެ ހާލަތު ނޭނގޭކަމަށް މާރިޔާ މިރޭ ވިދާޅުވިއެވެ. އަދި އޭރު ތަފްސީލީ ޗާޓެއްވެސް ނެތް އިރު، އިންޑިއާއިން އޮޕަރޭޝަން ކެކްޓަސް ހިންގީ ޓުއަރިސްޓް މެޕެއްގެ ބޭނުންކޮށްގެންކަމަށް މާރިޔާ ވިދާޅުވިއެވެ.
އެ ދުވަހު އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް ވެ ދިން އެހީތަކަށް މާރިޔާ މިރޭ ވަނީ އިންޑިއާއަށް ޝުކުރު އަދާކުރައްވާފައެވެ.
ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުކޮށް ސިފައިންގެ މުވައްސަސާއަކީ މިހާރަށްވުރެވެސް ޕްރޮފެޝަނަލް މުވައްސަސާއަކަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒުކަމަށްވެސް ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.