04 Nov 2019, 10:15
އަންނަ އަހަރު ބަޖެޓު ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރެވެނީ 5.6 ބިލިއަން ރުފިޔާ ގައި ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.
އަންނަ އަހަރަށް ލަފާކުރާ 37.5 ބިލިއަން ރުފިޔާގެ ބިޔަ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅާފައިވާއިރު ބަޖެޓު ޑެފިސިޓް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ޖީޑީޕީގެ ނިސްބަތުން 5.8 ޕަސެންޓުގައެވެ.
ބަޖެޓު އެކުލަވާލާފައިވަނީ ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ފިސްކަލް ސްޓްރެޓެޖީ އާއި އެއްގޮތްވާގޮތުގެ މަތިންނެވެ. ބަޖެޓުގައި ހިމަނާފައިވާ ކަންތައް ބިނާކޮށްފައިވަނީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ކަނޑައަޅާފައިވާ ކަންތައްތައް ހާސިލް ކުރުމަށެވެ.
އާމްދަނީގެ ގޮތުގައި އަންނައަހަރު 30 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ދައުލަތަށް އެންމެ ބޮޑު އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައި ހިމަނާފައިވަނީ ޓެކުހުން ލިބޭ އާމްދަނީ އެވެ. ޓެކުހުގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު ޓެކްސް ނޫން ގޮތުގައި ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ 6.8 ބިލިއަން ރުފިޔާ އެވެ.
އިންޑިއާ ސަރުކާރުން ގަނެފައިވާ ޓީބިލް ހިލޭ އެހީއަށް ބަދަލުކޮށްދޭނެކަމަށް ބުނެފައިވާތީ، އެފައިސާވެސް ހިމަނާފައިވަނީ ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ ހިލޭ އެހީގެ ގޮތުގައެވެ
އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ ޖީޑީޕީގެ ނިސްބަރުން 7.5 ޕަސެންޓު ކަމަށާއި އިންފްލޭޝަން އެއް ޕަސެންޓުގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ބަޖެޓު ފޮތުގައި ބުނެފައިވެއެވެ.
އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު މަޑުޖެހިފައި އޮތް އިމާރާތްކުރުމުގެ ދާއިރާ ކުރިއަރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އިގްތިސޯދުގެ 1.1 ޕަސެންޓް އިމާރާތްކުރުމުގެ ދާއިރާ ހިއްސާކުރާނެކަމަށް ލަފާކޮށްފައިވާއިރު 2.6 ޕަސެންޓް ހިއްސާ ކުރާނީ ފަތުރުވެރިކަމުގެ ދާއިރާއެވެ.
ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 819 މިލިއަން ޑޮލަރުގައެވެ. ކަރަންޓު އެކައުންޓް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 19 ޕަސެންޓުގައެވެ. ނޮމިނަލް ޖީޑީޕީ ހުންނާނެކަމަށް ލަފާކޮށްފައިވަނީ 97 ބިލިއަން ރުފިޔާގައެވެ.