އަންނަ 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުށަހަޅާގޮތަށް އެޖެންޑާކޮށްފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަރާތުން ދައުލަތުގެ ބަޖެޓު ހުށަހަޅާ ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު 2019 ވަނަ އަހަރުގެ ބަޖެޓު ހެދީ އޭރު ވެރިކަމަށް އަންނަން ތައްޔާރުވެފައި އޮތް، މިހާރުގެ ސަރުކާރުގެ ލަފަޔާއެކު ނަމަވެސް އެ ބަޖެޓު ހުށަހެޅީ އޭރުގެ ސަރުކާރުންނެވެ.

މާދަމާ ހެނދުނު އޮންނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ 60 ވަނަ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރަހިމް އަމީރު 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުއްވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. ފިނޭންސް މިނިސްޓްރީން 2020 ގެ ދައުލަތުގެ ބަޖެޓު މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވާފައެވެ.

ގާނޫނު އަސާސީގެ 96 ވަނަ މާއްދާގައި ވާ ގޮތުން ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނޭކަމަށް ލަފާކުރާ ޚަރަދާއި ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާން ޖެހެއެވެ. އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބުތައްވެސް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާން ޖެހެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އެއްވެސް ތަފްސީލެއް ފިނޭންސް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިނިސްޓްރީން އާންމުކޮށްފައިވާ 2020-2022 ފިސްކަލް ސްޓްރެޓެޖީ ބަޔާނުގައި ބުނެފައިވާގޮތުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓު އަންދާޒާކުރެވޭ ގޮތުގައި 39.55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

މިހާރު ހިނގަމުންދާ 2019 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން 30 ބިލިއަނެވެ. އަދި އޭގެ އިތުރުން މި ސަރުކާރުން ވަނީ 1.7 ބިލިއަން ރުފިޔާގެ އޯގަސްޓް މަހުގެ ފަހުކޮޅު ފާސްކުރިއެވެ.