އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން ހާސިލް ކުރަން ބޭނުންވަނީ މައިގަނޑު ހަ ކަމެއްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިއަހަރުގެ ބަޖެޓުން މައިގަނޑު ހަ ކަމެއް ހާސިލް ކުރަން ބޭނުންވާ ކަމަށެވެ.

އޭގެ ތެރެއިން އެއްކަމަކީއަސާސީ އުމްރާނީ ވަސީލަތްތައް ގާއިމްކުރުމެވެ.އޭގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމާއި ރަށްރަށަށް ބޭނުންވާ ތައުލީމީ އަދި ސިއްހީ ނިޒާމުތައް ގާއިމްކުރުން ހިމެނެއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީދައުލަތުންދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުން ހިތްމަމަޖެހޭ ފެންވަރަށް އެ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމެވެ. ރާއްޖޭގެ ފަސް ސަރަހައްދުގައި ރީޖަނަލް ހަބުތައް ގާއިމް ކުރުމަކީ މި މަގުސަދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ބަޖެޓު ބަޔާން ހުށަހަޅުއްވަމުން މިނިސްޓާރު ވިދާޅުވީ ރާއްޖޭގައި ސަރަހައްދީ ހަބްތަކެއް ގާއިމްކޮށް އެ ހަބްތަކުގައި އާންމު ހިދުމަތްތައްދީ، ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ރާވާފައިވާ ކަމަށެވެ.

"ހާއްސަކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދެވޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ބަޖެޓުން މިހާތަނަށް ނުކުރާ ވަރުގެ ބޮޑު ހޭދައެއް ކުރުމަށް ވަނީ ކަނޑައެޅިފައި. މިގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ އިތުރުން ސިއްހީ ވަސީލަތްތައް ހަރުދަނާ ކުރުމަށް މުޅި ރާއްޖޭގައި ޕްރޮޖެކްޓުތައް ހިންގޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީއިގްތިސޯދު ސިންދަފާތު (ޑައިވާސިފައި) ކޮށް އިގްތިސޯދީ ކަންކަމަށް މަގުފަހިވާނެ ވަސީލަތްތައް ގާއިމް ކުރުމެވެ. އެގޮތުން މާލޭގެ ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލު ކުރުމަކީ މީގެ ތެރޭގައި ހިމެނޭ ކަމެކެވެ.

"ރާއްޖޭގެ މައި ސީޕޯޓު ގުޅީފަޅުގައި ބިނާކުރުމުގެ މަޝްރޫއު ފެށުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތް ފާހަގަ ކުރެވޭޭ،" ބަޖެޓު ބަޔާން ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް ބާރުވެރިކޮށް، މާލީގޮތުން ކައުންސިލްތައް ބާރުވެރިކޮށް ގޮތް ނިންމުމުގެ ބާރު ކައުންސިލްތަކަށް ދިނުމަކީވެސް ބަޖެޓުގެ ތެރެއިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއެކެވެ. މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ލޯކަލް ކައުންސިލްތަކަށް ބްލޮކް ގްރާންޓެއް ދޭން ނިންމާފައިވާ ކަމަށާއި މިއާއެކު ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުންފިސްކަލް ޕޮލިސީ ބަޖެޓުގައި އިގްތިސޯދު ކުރިއަރާ މިންވަރު މަތިކުރުމަކީވެސްބަޖެޓުގެ އަމާޒެކެވެ. ފިސްކަލް ޕޮލިސީގެ ތެރެއިން ބަޖެޓު މިން ނުކުރާނަމަ އެކަމުގެ އަސަރު އިގްތިސޯދަށް ކުރާނެއެވެ. އެހެންކަމުން ހަރަދުތައް ކޮންޓްރޯލުކުރުމަކީ ސަރުކާރަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ ރިއަލިސްތިކް ބަޖެޓެއް ކަމަށާއި އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

މިއަހަރުގެ ބަޖެޓަކީ ބަޖެޓު ބައިކުރެވޭގޮތަށް ފާސްކުރަން ހުށަހަޅާ ފުރަތަމަ ބަޖެޓެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 5.6 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ 5.8 ޕަސެންޓެެވެ.