ހޮލެންޑްގެ އަޔެކްސް އަށް ކުޅެމުންދާ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ސްޕެއިން ކުލަބަކަށް ކުޅެން ބޭނުންވާ ކަމަށް އޭނާ ބުނެފި އެވެ.

އަޔެކްސް އަށާއި ޑެންމާކް ގައުމީ ޓީމަށް ރަނގަޅު ކުޅުމެއް ދެއްކުމަށް ފަހު ޔޫރަޕްގައި ނަން މަޝްހޫރު ކުޅުންތެރިއަކަށް އެރިކްސަން ވަނީ ވެފައެވެ. އުމުރުން ނަވާރަ އަހަރުގެ ކުޅުންތެރިޔާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކުލަބުތަކަކުން މަސައްކަތް ފެށިކަމުގެ ރިޕޯޓްތަކެއް ވަނީ އާންމު ވެފައެވެ.

މިރިޕޯޓްތަކުން ބުނަމުންދާ ގޮތުގައި އެރިކްސަން ގެންދިއުމަށް މަސައްކަތް ކުރާ ޓީމުތަކަކީ، ޔޫރަޕް އަދި ސްޕެއިން ޗެމްޕިއަން ބާސެލޯނާ އާއި، މެންޗެސްޓާ ސިޓީގެ އިތުރުން އޭސީ މިލާން ކަމަށެވެ. އެރިކްސަންގެ އިތުރުން އަޔެކްސަ އަކީ މަޝްހޫރު އެތައް ކުޅުންތެރިން ތަކެއް ތަމްރީނުކޮށް ކުރިއަރުވައި ދީފައިވާ ކުލަބެކެވެ. އިންޓަމިލާންގެ ވެސްލޭ ސްނެއިޑާ އާއި، ޓޮޓެންހަމްގެ ރަފެއަލް ވެން ޑާ ވާޓް އަދި އެޑްގާ ޑާވިޑްސް ފަދަ މޮޅު ކުޅުންތެރިންތަކެއް މަޝްހޫރުކަން ފަށައިގަތީ އަޔެކްސް އިން ނެވެ.

"ލަލީގާ ކުލަބަކަށް ކުޅެން އަހަރެން ބޭނުން. އެ ލީގުގައި ކުޅޭ ގޮތް އަހަރެންނަށް ވަރަށް ކަމުދޭ. އެތަނުގައި އަހަރެންނަށް އިތުރު ފައިދާތަކެއް ލިބޭނެ ކަމަށް އުންމީދުކުރަން." އެރިކްސަން ބުންޏެވެ.

އަޔެކްސް އާއި އެކު އެރިކްސަން ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ ތިން އަހަރު ދުވަސް އެބަ އޮތެވެ. އެހެން ކަމުން އެރިކްސަން ހޯދަން ބޭނުންވާ ކުލަބަކުން އެރިކްސަން ހޯދުމަށް ބޮޑު ޚަރަދެއް ކުރަން މަޖުބޫރު ވާނެ އެވެ.