04 Nov 2019, 09:53
ބިޒްނަސް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން ނަގާ އެއާޕޯޓު ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) 60 ޑޮލަރަށް ބޮޑުކޮށް އިތުރު އާމްދަނީ ހޯދަން ބަޖެޓްގައި ހިމަނައިފި އެވެ.
މިއަދު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވަނީ އޭޑީއެފްގެ ގޮތުގައި ނަގާ ޓެކްސް، ގިންތިކޮށް ބިޒްނަސް ކްލާހާއި ފަސްޓް ކްލާހުން ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ ބޮޑު ކުރުމަށެވެ.
އެގޮތުން ބިޒްނަސް ކުލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާފީ 60 ޑޮލަރަށް (925.2 ރުފިޔާއަށް) ބޮޑުކުރާނެ ކަމަށް ބަޖެޓްގައިވެ އެވެ. އަދި ފަސްޓް ކުލާހުން ދަތުރު ކުރާ ދިވެހިންނާއި ބޭރު މީހުންގެ އަތުން ވެސް 90 ޑޮލަރު (1387.8 ރުފިޔާ) ނަގަން ވަނީ ހިމަނައިފަ އެވެ.
މިހާރު އޮންނަ ގޮތުން ނަމަ ވީއައިއޭއިން ދަތުރުކުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރުނަގަ އެވެ.
ބަޖެޓްގައި ފިނޭންސް މިނިސްޓްރިއިން އެދިފައި އަންނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން އޭޑީއެފް ރޭޓްތަކަށް ބަދަލު ގެނެވޭ ގޮތަށް ގާނޫނޫ އިސްލާހުކޮށް ދިނުމަށެވެ.
އެ ބަދަލުތަކާ އެކު ބަޖެޓަށް އިތުރަށް 159.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއީ މިއަހަރުގެ އޭޑީއެފްއިން ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީއަށް ވުރެ، 24.3 ޕަސެންޓް އިތުރު އަދަދެކެވެ.
މި ފީއިން އިސްތިސްނާ ވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުން އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ނަގަންފެށީ 2017 ވަނަ އަހަރުގެ މެއި މަހުން ފެށިގެންނެވެ. އެ ފީއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށާއި ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ނަގަންފެށި ފީ އެކެވެ. އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ނަގަނީ ޓިކެޓު އަގުގައި ހިމަނައިގެންނެވެ.
ބަޖެޓްގައި ބުނީ، އޭޑީއެފްގެ ރޭޓްތަކަށް ބަދަލު ގެނައުމުގެ މަގުސަދަކީ ބޮޑު އަގުގައި ދަތުރުފަތުރުކުރުމުގެ ގާބިލުކަން ހުރި ފަރާތްތަކުގެ އަތުން އިތުރަށް ފީނެގުމެވެ. އެއީ މި ފަދަ ފަރާތްތަކަކީ ދަތުރުފަތުރުގެ އަގަށް ބަދަލު އައިކަމުގައިވީ ނަމަވެސް އެ ފަރާތްތަކުގެ ދަތުރުފަތުރުކުރުމުގެ ވައްޓަފާޅިއަށް މާބޮޑު ބަދަލެއް އަންނާނެ ފަރާތްތަކެއް ކަމުގައި ނުވާނެތީ ކަަމަށް ވެސް ބަޖެޓްގައިވެ އެވެ.
ފަރުދުންގެ އާމްދަނީ އިން ޓެކްސް ނަގަން އަންނަ އަހަރު ފަށާއިރު ބޭންކް ޕްރޮފިޓް ޓެކްސް ނަގާ އުސޫލަށްވެސް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ. އާމްދަނީ އިން ޓެކްސް ނަގާ އުސޫލާ އެކު، ބޭންކުތަކުން ދައްކާ ޓެކްސް ވެސް ދެން ދައްކަން ޖެހޭނީ ބީޕީޓީގެ ގޮތުގަ އެވެ. ބީޕީޓީގެ އުސޫލުގައި އޮންނަ ގޮތުން އިންޓެރިމް ޓެކްސްވެސް ދައްކަންޖެހެ އެވެ. ބޭންކް ތަކުން އިންޓެރިމް ޓެކުހުގެ ގޮތުގައި ދައްކާ އަދަދު އިތުރުވާނެ ކަމަށް ބަލާ، ބީޕީޓީ އިން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.
ބީޕީޓީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ހަތަރު ބިލިއަން ރުފިޔާ އެވެ. ޓެކސް އިން ލިބޭ އާމްދަނީގެ ގޮތުގައި ޖުމް؛ަ 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާ އެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރުގެ ބަޖެޓަށްވުރެ ހަތް ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ބަޖެޓަށް ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ އެވެ.