03 Nov 2019, 15:42
ފެނަކަ ރެކްރިއޭޝަން ކްލަބުން އިންތިޒާމު ކޮށްގެން އަތޮޅުތަކުގައި ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ފަށައިފި އެވެ.
'އެފްއާރްސީ ޒޯން ފުޓްސަލް'ގެ ނަމުގައި ބާއްވާ އެ މުބާރާތް ފަށާފައި ވަނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ ހިމެނޭ ޒޯނުގަ އެވެ. އެ މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.
އައްޑޫއާއި ފުވައްމުލަކުގައި ބާއްވާ މުބާރާތުގައި ދެ ސިޓީން ޖުމްލަ ހަތް ޓީމު ބައިވެރިވާނެ އެވެ. އެއީ ފުވައްމުލަކުން ދެ ޓީމު، ހިތަދޫން ދެ ޓީމު، މަރަދޫފޭދޫން ދެ ޓީމު އަދި ހުޅުމީދޫން އެއް ޓީމެވެ.
އައްޑޫ، ފުވައްމުލައް ޒޯން މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލްގެ އިތުރުން 7000 ރުފިޔާގެ އިނާމެއް ވަނީ ކަނޑައަޅާފަ އެވެ. އަދި ރަނަރަޕް ޓީމަށް މެޑަލްއާއި 3000 ރުފިޔާގެ އިނާމެއް ދޭއިރު، ފެއާޕްލޭ ޓީމަށް 1000 ރުފިޔާގެ އިނާމެއް ވަނީ ކަނޑައަޅާފަ އެވެ.
ޖުމްލަ 10 ޒޯނަކަށް ބަހާލައިގެން، ފެނަކައިގެ ކުނީގެ ގޮފިތައް ހުންނަ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް ރާވާފައިވާ އެ މުބާރާތް ދެން ކުރިއަށް ގެންދާނީ ފ. އަދި ދ. އަތޮޅު ހިމެނޭ ޒޯނުގަ އެވެ.