03 Nov 2019, 13:59
ވޮޝިންޓަން (ނޮވެމްބަރު 3): އެމެރިކާގެ އިންޑިއާނާގައި 140 ހަރުފަ ބަލަހައްޓަމުން ދިޔަ މީހަކު، ހަރުފައެއް ދިން ހަމަލާއެއްގައި މަރުވެއްޖެ އެވެ.
އިންޑިއާނާ ސްޓޭޓް ޕޮލިސް ސާޖެންޓް ކިމް ރައިލީ ވިދާޅުވި ގޮތުގައި މިދިޔަ ހުކުރު ދުވަހު 36 އަހަރުގެ ލޯރާ ހާސްޓުގެ ހަށިގަނޑު ފެނުނީ ހަރުފަ ގެންގުޅެން ހާއްސަކޮށް ހަދާފައިވާ ގެޔަކުންނެވެ. އަދި އޭރު ހާސްޓުގެ ކަރުގެ ވަށާ އަށް ފޫޓުގެ ހަރުފައެއް އޮޅާލައިގެން އޮތެވެ.
ހާސްޓުގެ ހަށިގަނޑު ފެނުނު މީހާއަށް އެ ހަރުފަ ދުރަށް ލެވުނު ނަމަވެސް، ފުލުހުންނާއި ކުއްލި ފަރުވާ ދޭ ފަރާތްތަކުން ދިޔަ އިރު ހާސްޓް އޮތީ މަރުވެފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި އޮޓޮޕްސީން ދެއްކި ގޮތުގައި ހާސްޓް މަރުވީ ހަރުފަ އޭނާގެ ކަރަށް ފިއްތުމުން، ނޭވާ ހާސްވުމުގެ ސަބަބުންނެވެ.
އިންޑިއާނާގެ ފުލުހުން ބުނި ގޮތުގައި ހާސްޓްގެ ހަށިގަނޑު ފެނުނު ގޭގައި 140 ހަރުފަ އޮތެވެ. އަދި އޭގެ ތެރެއިން 20 ހަރުފައަކީ އޭނާގެ ހަރުފަ ކަމަށާއި، ކޮންމެ ހަފްތާއަކު ދެ ފަހަރު އޭނާ އެގެޔަށް ދާ ކަމަށް ފުލުހުން ބުންޏެވެ.
ހާސްޓުއަށް ހަމަލާ ދިނީ ރެޓިކިއުލޭޓެޑް ޕައިތަން ކިޔާ ބާވަތުގެ ހަރުފައެކެވެ. އެއީ ވިހަލާ ހަރުފައެއް ނޫނެވެ. ނަމަވެސް އޭތި ޝިކާރަ ކުރާ ޖަނަވާރުތައް މަރާލާނީ އޭގެ ހަށިގަނޑުގައި އޮޅާލައިގެން، ނޭވާ ހާސްކޮށްގެންނެވެ.