ބޮލްޓަންގެ އިނގިރޭސި ޑިފެންޑަރު ގޭރީ ކަހިލް އަށް އިތުރު ޝައުވެރިކަމެއް ނެތްކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނެފި އެވެ. މިސީޒަން ފެށުމުގެ ކުރިން އޮތް ޓްރާންސްފާ ގައި އާސެނެލް އިން ކަހިލް ހޯދުމަށް ބުރަ މަސައްކަތެއް ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ.

އުމުރުން 25 އަހަރުގެ ޑިފެންޑަރު ކަހިލް އާއި ބޮލްޓަން އާއި ދެމެދު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާއިރު އަންނަ އަހަރު ޖެނުއަރީ ޓްރާންސްފާގައި ކަހިލް ވިއްކާލުމަށް ބޮލްޓަން އިން މަސައްކަތް ކުރާކަމުގެ ރިޕޯޓެއް ދާދި ފަހުން ވަނީ އާންމު ވެފައެވެ.

"ކަހިލް އަކީ ޗެމްޕިއަންސް ލީގަށް ކުޅެން ރަނގަޅު ކުޅުންތެރިއެއް. ނަމަވެސް މިހާރު ކަހިލް ހޯދުމަށް އެއްވެސް ޝައުގުވެރިކަމެއް ނެތް. ކުލަބުގައި މިހާރުވެސް ފަސް ޑިފެންޑަރުން އެބަ ތިބި. ލޯރެންޓް ކޮސީލްނީ އާއި، ސަބެސްޓިއަން ސްކިލާޗީ އާއި، ޕާ މަޓާސޭކާ އާއި، ތޯމަސް ވެމަލިން އަދި ޔޯހާން ޖޯރޫ ގެ ތެރެއިން ހަތަރު ކުޅުންތެރިންނަކީ ބައިނަލްއަގުވާމީ ޑިފެންޑަރުން." ވެންގާ ބުންޏެވެ.

ކަހިލް އަށް ޝައުގުވެރިކަމެއް ނެތް ވާހަކަ ބުނިނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ މަހު އަންނަ ޓްރާންސްފާ ގައި ޓޮޓެންހަމް ހޮޓްސްޕާ އަށް ކަހިލް ގެނައުމަށް ލޯބިކުރާ ކަމަށް އެކުލަބުގެ ކޯޗު ހެރީ ރެޑްނެޕް މިދިޔަ މަހު ބުނެފައި ވެއެވެ.