03 Nov 2019, 12:25
އިސްލާމް އާބާދު (ނޮވެމްބަރު 3) : ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަރުކާރަކީ ރައްޔިތުން ދިމުގްރާތީ ގޮތުން އިންތިޚާބުކޮށްފައިވާ ސަރުކާރެއް ކަމަށާއި އެ ސަރުކާރަށް ތާއީދުކޮށް ސަރުކާރު ހިމާޔަތް ކުރުމުގައި ދެމިއޮންނާނެ ކަމަށް އެގައުމުގެ ސިފައިން ބުނެފި އެވެ.
ޕާކިސްތާން ސިފައިންގެ ތަރްޖަމާން ޖެނެރަލް އާސިފް ޣަފޫރު ވިދާޅުވީ ސިފައިން ދަސްތޫރަށް އިހްތިރާމް ކުރާނެ ކަމަށާއި ރައްޔިތުން ދިމުގްރާތީ ގޮތުން އިންތިޚާބުކޮށްފައިވާ ސަރުކާރު ދިފާއުކޮށް އެސަރުކާރު ހިމާޔަތް ކުރާނެކަމުގަ އެވެ. ޕާކިސްތާން ސިފައިން މިހެން ބުނެފައި ވަނީ އިމްރާން ޚާންގެ ސަރުކާރަކީ ދިމުގްރާތީ ސަރުކާރެއް ނޫންކަމަށާއި އެއީ ސިފައިންގެ އަސްކަރީ މަދަދު ލިބިގެން ވެރިކަންކުރާ ސަރުކާރެއް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނުމާ ގުޅިގެންނެވެ.
އިދިކޮޅު ޕާޓީތަކުން މިހެން ބުނެފައި ވަނީ އިދިކޮޅު ޕާޓީތައް ގުޅިގެން އިސްލާމް އާބާދުގައި އިމްރާންޚާން ގެ ސަރުކާރާދެކޮޅަށް ކުރި މުޒާހަރާތަކެއްގަ އެވެ. ހުކުރު ދުވަހުކުރި އެ މުޒާހަރާތައް ލީޑުކުރެއްވި ޕާކިސްތާނުގެ ދީނީ ޕާޓީގެ ލީޑަރު ފަޒްލުއްރަޙްމާން ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް އިމްރާން ޚާން އަށް ގޮވާލައްވާފަ އެވެ. އަދި ދެ ދުވަހުގެ ތެރޭގައި އިސްތިއުފާ ނުދެއްވައިފި ނަމަ ސަރުކާރާ ދެކޮޅަށް ވަރުގަދަ އިޙްތިޖާޖްތަކަކަށް ނުކުންނާނެ ކަމުގެ އިންޒާރު ވެސް ފަޒްލުއްރަޙްމާން ވަނީ ދެއްވާފަ އެވެ.
އިސްލާމް އާބާދުގައި ބޭއްވި މުޒާހަރާގައި ޕާކިސްތާނުގެ ދީނީ ޕާޓީ އިސްކޮށް ހަރަކާތްތެރިވި އިރު އެ ގައުމުގެ އެންމެ ބޮޑު ދެޕާޓީކަމަށްވާ ޕާކިސްތާން ޕީޕަލްސް ޕާޓީ "ޕީޕީޕީ" އާއި ނަވާޒު ޝަރީފްގެ "މުސްލިމް ލީގް ނަވާޒް" ޕާޓީގެ ބައެއް އިސް ފަރާތްތަކާއި އެދެ ޕާޓީގެ ސަޕޯޓަރުން ވެސް އެ މުޒާހަރާގައި ބައިވެރިވި އެވެ.
މިދިޔަ އަހަރު ޕާކިސްތާނުގައި ބޭއްވި އާންމު އިންތިޚާބުގައި ޕާކިސްތާނުގެ އެންމެ ބޮޑު ދެޕާޓީކަމަށްވާ "ޕީޕީޕީ" އާއި ނަވާޒު ޝަރީފްގެ "މުސްލިމް ލީގް ނަވާޒް" ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފަ އެވެ. ޕާކިސްތާނުގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ ދެޕާޓީ ބަލިކޮށްލުމަށް ފަހު ކުޑަ ޕާޓީއެއްކަމަށްވާ އިމްރާންޚާންގެ ތަހްރީކޭ އިންސާފު ޕާޓީން އާންމު އިންތިޚާބު ކާމިޔާބުކުރީ އެދެޕާޓީގެ ވެރިކަންތަކުގައި ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކުގެ ސަބަބުން އެދެޕާޓީގެ މަތިން ޕާކިސްތާން ރައްޔިތުންގެ ގިނަ ބަޔަކު ފޫހިވެގެންކަމަށް މުހައްލިލުން ސިފަކުރައްވާފައިވެ އެވެ.
"ޕީޕީޕީ" އާއި ނަވާޒު ޝަރީފްގެ "މުސްލިމް ލީގް ނަވާޒް"ގެ ވެރިންގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ސާބިތުވެފައިވާ އިރު "ޕީޕީޕީ"ގެ ލީޑަރު އަދި ޕާކިސްތާނުގެ ކުރީގެ ރައީސް އާސިފް އަލީ ޒަރުދާރީވަނީ ކޮރަޕްޝަނުގެ މައްސަލައެއްގައި 7 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވާފަ އެވެ. އަދި ކޮރަޕްޝަނުގެ ކުށް ސާބިތުވެގެން ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ގެންދަވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ނަވާޒް ޝަރީފުގެ ދަރިކަނބަލުން މަރްޔަމް ވެސް ކޮރަޕްޝަނުގައި ބައިވެރިވިކަން ސާބިތުވެފައިވާތީ އެކަމަނާ ވެސް ވަނީ ޖަލަށްލައިފަ އެވެ.
އިމްރާންޚާން ވަނީ އޭނާގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ގޮވާލި ގޮވާލުމަށް ދެކޮޅު ހައްދަވައިފަ އެވެ. (ނޫސްއެޖެންސީތައް)