03 Nov 2019, 11:25
މީހަކު ގެންގުޅުނު ޖޫސްޕެކެޓެއްގައި ބަނގުއާވި ހުރުމުން، ކުށެއް ކުރުމުގެ އާލާތެއް އަތުގައި ބެހެއްޓުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި 21،600 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މި ކުށް ސާބިތުވި ކަމަށް ކަނޑައަޅައި ޖޫރިމަނާކޮށްފައި ވަނީ ތ. ދިޔަމިގިލި / މަޑުފެހިވިލާ، އިސްމާއީލް ނިހާން އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، 15 އޯގަސްޓް 2018 ވަނަ ދުވަހުގެ 21:20 ހާއިރު ނިހާން އާއި އިތުރު މީހަކު، މާލެ ސިނާއީ ސަރަހައްދުގައި ތިބިއިރު، އެ ދެމީހުންގެ އަމަލުތައް ހުރި ގޮތުން، އެ ދެމީހުން ގާނޫނާ ހިލާފު އެއްޗެއް ގެންގުޅޭ ކަމަށް އެވަގުތު މާލެ ތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ތުހުމަތު ކުރެވިގެން އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެދެމީހުން ހަށިގަނޑު ބަލައިފާސްކުރި އިރު ދެމީހުންގެ އަތުން "ދަބެރީ ކޮމްޕެނީ" ބްރޭންޑުގެ ޖޫސްޕެކެެއް ފެނިފައިވާ ކަމަށެވެ.
ގަޒިއްޔާ ނިމުނުގޮތުގެ ހުލާސާގައި ބުނެފައި ވަނީ އޭނާގެ ވަ އަތުން ފެނުނު ޖޫސް ޕެކެޓާއި އޭނާގެ ސައިކަލު މަޑިދަށުން ފެނުނު ބޮނަކުއާ ބްރޭންޑުގެ ފުޅީގައި ހުރި ދިޔާތަކެތި ތަހުލީލު ކުރިއިރު، އެތަކެތި ބަނގުއާތްވަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި ނިހާންގެ މައްޗަށް ދައުލަތުން ކުޅަ ކުށެއް ކުރުމުގެ އާލާތެއް އަތުގައި ބެހެއްޓުމުގެ ދައުވާއަށް އޭނާ އިއުތިރާފުވެފައިވާ ކަމަށާއި، ދައުވާއަށް އިއުތިރާފުވީ އަމިއްލަ އިހްތިޔާރުގައި ކަމަށް ބުނެފައިވާ ކަމަށެވެ.
އެހެންކަމުން އެ ކުށުން އޭނާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އޭނާ ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، ނަމަވެސް އެ އަދަބު 21،600 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށް، އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދައްކާ ހަލާސްކުރުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މިއީ ނިހާނުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރުކަން ގަޒިއްޔާ ނިމުނުގޮތުގެ ހުލާސާގައި ބުނެފައިވެއެވެ.
ނިހާނުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 87 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
ގާނޫނުލްއުގޫބާތުގެ 87 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާގޮތުން ކުށްކުރުމުގެ އާލާތެއް އަތުގައި ހުރުމަކީ ކުށެކެވެ. އެ ގާނޫނު ބުނާގޮތުން ކުށްކުރުމުގެ އާލާތް ގޮތުގައި ހިމެނެނީ ކުށެއް ކުރުމަށްް ބޭނުންކުރުމަށްޓަކައި ހާއްސަކޮށް ތައްޔާރުކޮށްފައިވާ ނުވަތަ އެ މަގުސަދަށްޓަކައި ހާއްސަކޮށް ބަދަލުކޮށްފައިވާ ކޮންމެ އެއްޗެކެވެ.
ކުށެއް ކުރުމުގެ ބޭނުމުގައި ގެންގުޅޭ އެއްޗިއްސާއި ކުށުގެ ނިޔަތް ފުރިހަމައަށް ހާމަކޮށްދޭ ފަދަ ހާލަތުގައި ގެންގުޅޭ ކޮންމެ އެއްޗެއްވެސް ކުށްކުރަން ގެންގުޅޭ އާލާތެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ގާނޫނުލްއުގޫބާތުގައި ބުނެފައިވެ އެވެ.
މައްސަލައިގައި ހިމެނޭ އަނެއް މީހާ ވެސް ވަނީ މައްސަލައިގެ އިބްތިދާއި މަރުހަލާގައި ކުށަށް އިއުތުރާފުވެފައެވެ. ނަމަވެސް އޭނާއަކީ ކެނެބިސް ބޭނުންކުރުމުގެ މައްސަލައެއްގައި ޑްރަގް ކޯޓުން ރިހެބިލިޓޭޝަން އަމުރު ނެރެފައިވާ މީހަކަށް ވާތީ އޭނާގެ ބައި އަލުން އަނބުރާ ފޮނުވައި ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިފައިވާތީ، މި ގަޒިއްޔާއިން އޭނާގެ ބައި ވަނީ އުނިކޮށްފައެވެ. އަދި އެހެން ގަޒިއްޔާއަކުން އެބައި ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ގާޒީ އަލީ އާދަމް ނިންމެވި ގަޒިއްޔާގައި ވެއެވެ.