03 Nov 2019, 09:55
މިއަދު ފާހަގަކުރަމުން މިދާ 31 ވަނަ ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފި އެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވީ، އެމަނިކުފާނު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.
"ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި އިހްލާސްތެރި ހެޔޮ އެދުންތައް ލޮބުވެތި ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސް ކުރަން. މިގައުމަށް ޓަކައި ޝަހީދުވެ ދިޔަ ބަތޮލުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި މާތްﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވަން." ރައީސް ވިދާޅުވި އެވެ.
ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ސްރީލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން ދިވެހީންގެ ޚާއިނުންގެ ބަޔަކު މާލެއަށް ހަމަލާދިން ދުވަހެވެ.
ދިވެހީން ސިއްސުވާލި އެ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެތެރޭގައި ހިމެނެނީ ދީނާއި ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަނިކޮށް ޝަހީދުވި އަށް ސިފައިންނާއި ބާޣީންގެ ބަޑީގެ ހަމަލާތަކުގައި ޝަހީދުވި އާންމުންގެ 11 މީހުންނެވެ.
އެ އުދުވާނީ ހަމަލާއަށް މިއަދު 31 އަހަރު ފުރޭއިރު، އެ ހަމަލާގައި އިސްކޮށް ހުރި ސަގަރު އަހުމަދު ނާސިރު މިހާރު ވަނީ ހުކުމަށް ފަހު ޖަލުން މިނިވަންވެފަ އެވެ. އަދި ދެން ވެސް އެކި ކުށްތަކުގައި ކުށްވެރިވި ފަރާތްތައް ވަނީ ހުކުމަށް ފަހު ސަލާމަތްވެފަ އެވެ.
އެހެން ނަމަވެސް ހަމަލާގެ މައި ސިކުނޑި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ 16 ޖެނުއަރީ 2010ގައި ބޭސްފަރުވާއަށް ލަންކާއަށް ދިޔަ ފަހުން ފިލައިގެން އުޅެނިކޮށް އޭނާ މާލެ ގެނެސް ޖަލުގައި ބަންދުކުރެވުނީ އޭގެ ނުވަ އަހަރު ފަހުން 10 ޖުލައި 2019 ވަނަ ދުވަހު އެވެ. އޭނާ ފިލި މައްސަލަ ފުލުހުން ވަނީ ތަހުގީގުކޮށް، ދައުވާކުރުމަށް ވެސް ފޮނުވައިފަ އެވެ.