03 Nov 2019, 00:31
ޕީޕީއެމް އޮފީސް ކުރިމަތީގައި މިރޭ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބޭއްވި "ބަޑި ބުރާސްފަތި" އެއްވުމުގެ ތެރެއިން ފުލުހުން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި އެއްވުން ފެށުމާއެކު އެ ސަރަހައްދުގައ އެއްވުމަކީ މަނާކަމެއްކަން އިއުލާނުކޮށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އެއްވެފައި ތިބި މީހުންނަށް ފުލުހުން އެންގިއެވެ. އެ އެއްވުމުގެ ތެރެއިން 12 މީހަކު ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުންނަކީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި މީހުން ކަމަށެވެ. އަދި އެ އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ސުލްހަވެރިކަމާއިއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގައިވާ ގޮތުން، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއްވެސް ބޭއްވޭނީ ފުލުހުން ލިއުމުކުން ހުއްދަ ދީގެންނެވެ. އެ ގާނޫނަށް އެ އިސްލާހު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި، އޭރުގެ މަޖިލީހުގައި އޮތް ޕީޕީއެމްގެ މެޖޯރިޓީގެ ތާއީދާއެކުއެވެ.
އިދިކޮޅު ކޯލިޝަންގެ އެއްވުމަށް ހުރަސް އެޅުމުން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން މިރޭ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާއިން ވަނީ ޕީޕީއެމްގެ އެއްވުންތަކަށް ހުރަސް އަޅައި ބާރުގެ ބޭނުން ނުކުރުމަށް ފުލުހުންނަށް އެދިފައެވެ.