20 Nov 2011, 15:37
ބާ އިންޖީނުގޭގެ ބިން ޕާކަކާއެކު ކެފޭއެއް ހިންގުމަށް މަހަކު 15،000ރ. އަށް ބަޔަކަށް ކުއްޔަށްދީފި އެވެ.
މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު ]އަލިބެ[ މިއަދު ވިދާޅުވީ އަލިކިލެގެފާނު މަގާއި ފާށަނާކިލެގެފާނު މަގާ ދެ މަގު ދޭތެރޭގައިވާ، މިސްކިތާ ޖެހިގެން އޮތް ޕާކްގައި ކެފޭއެއް ހެދުމަށް 10 އަހަރު ދުވަހަށް ކުއްޔަށް ދީފައި ވަނީ "ތިންކް" އެސޯސިއޭޓްސާއާ ކަމަށެވެ.
އޭނާ ވިދާޅުވީ މާލޭގެ މެދު ތެރޭގައި ކުރިން ބޮޑު އިންޖީނުގެ ހުރި ތަނުގައި ކުރީގެ ސަރުކާރުން ހަދާފައިވާ ޕާކްގައި ކެފޭއެއް ހިންގަން ހުއްދަ ދެއްވީ އެ ޕާކް ބެލެހެއްޓުމުގެ ގޮތުން ކަމަށާއި ކެފޭ ހިންގާ އިރު، ޕާކްގެ ސެކިއުރިޓީ ބެލެހެއްޓުން ވެސް އެ މީހުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭނެ ކަމަށާއި ކެފޭ ހިންގަން ޖެހޭނީ ކައިރީގައި ހުރި މިސްކިތަށް އުނދަގޫ ނުވާ ގޮތަށް ކަމަށެވެ.
"ޕާކް އޮންނަން ޖެހޭނީ ފެހިކޮށް، އެހެން ނޫނީ އަޅުގަނޑުމެން އެތަނަށް ވަންނާނަން،" އަލިބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާކްގެ އަސްލު ކުއްޔަކީ މަހަކު 10،000ރ. ކަމަށާއި 15،000ރ. އަށް ކުލި އުފުލެނީ އިޖުތިމާއީ ކަންކަމަށް އެ ފަރާތުން މަހަކު ދައްކަން ޖެހޭ 5،000ރ.އާ އެކު ކަމަށެވެ.
މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޕާކްގެ 30 ޕަސެންޓް ނޫނީ ގާތްގަނޑަކަށް ތިން ބައިކުޅަ އެއްބައި ކެފޭގެ ގޮތުގައި ތަރައްގީ ކުރެވޭނެ ކަމަށެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ސަމާހު ރަޝީދު ވިދާޅުވީ މާލޭގެ ތިން ޕާކެއް ތަރައްގީކޮށް ހިންގުމަށް ހުޅުވާލި ބީލަން ކާމިޔާބު ކުރި ފަރާތްތަކާ ޕާކްތައް ހަވާލުކޮށްފައިވާ ކަމަށެވެ.
ބީލަމަށް ހުޅުވާލި ތިން ޕާކަކަކީ ކުރީގެ ބާ އިންޖީނުގޭ ކުރިމަތީ އޮތް އެންސީޕާކާއި، ބިސް ބުރު ޕާކާއި ޖަރީމާގޭ ކުރިމަތީ އޮންނަ ޕާކެވެ.
ބާ އިންޖީނުގެ ހުރި ތަނުގައި އޮންނަ އެންސީޕާކު "ތިންކާ" ހަވާލުކޮށްފައިވާ އިރު، ޕާކް ތަރައްގީ ކުރުމަށް ހަތަރު ފަރާތުން ފެންސު ޖަހައި މަރާމާތު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.