ވައިސްރޯއި މޯލްޑިވްސް ރީބްރޭންޑްކޮށް، ދުނިޔޭގެ އެންމެ ބޮޑު ހޮސްޕިޓެލިޓީ ކުންފުނި މެރިއޮޓް އިންޓަނޭޝަނަލްގެ ލަގްޒަރީ ހޮޓެލް ބްރޭންޑް "ޖޭ ޑަބްލިއު މެރިއޮޓް"ގެ ދަށުން ށ. ވަގަރުގައި އާ ރިސޯޓެއް ހުޅުވައިފިއެވެ.

ވަގަރުގައި ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ހުޅުވާފައި ވަނީ އިއްޔެއެވެ. މިއީ މެރިއޮޓް އިންޓަނޭޝަނަލްގެ "ޖޭ ޑަބްލިއު މެރިއޮޓް" ބްރޭންޑުގެ ދަށުން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ.

މާލެއިން ފުރައިގެން ސީޕްލޭނުގައި 55 މިނިޓުން ދެވޭ މި ރިސޯޓުގައި 60 ވިލާ ހުރެއެވެ. އޭގެ ތެރޭގައި މޫދުކޮޓަރިއާއި ބީޗު ވިލާ ހިމެނޭއިރު، ކޮންމެ ވިލާއެއްގައިވެސް ޕްރައިވެޓް ޕޫލެއް ހުރެއެވެ. އަދި އާއިލާތަކަށް ހާއްސަކޮށްގެން ދެ ކޮޓަރީގެ ޑުޕްލެކްސް ބީޗު ވިލާއާއި ވޯޓާ ވިލާވެސް ހުރެއެވެ.

އެންމެ ކުދި ވިލާތަކުގައިވެސް މަދުވެގެން 234 އަކަ މީޓަރު ހުންނާނެކަމަށް އެ ރިސޯޓުން ބުނެއެވެ. އަދި ހުރިހާ ވިލާއެއްވެސް ހަދާފައި ހުންނަނީ ދޯންޏެއްގެ ބައްޓަމަށެވެ.

މީގެ އިތުރުން އެ ރިސޯޓުގައި ފަސް ރެސްޓޯރަންޓެއް ހުންނާނެކަމަށް ރިސޯޓުން މައުލޫމާތު ދެއެވެ. އެގޮތުން ސީފުޑް ރެސްޓޯރަންޓަކާއި، ތައި ރެސްޓޯރަންޓެއްގެ އިތުރުން ޖެޕެނީޒް ޓެޕަންޔާކީ ރެސްޓޯރަންޓެއް ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސްގައި ހުރެއެވެ.

އަދި އެ ރިސޯޓުގައި ސްޕާގެ ހިދުމަތާއި ފިޓްނެސް ހަރަކާތްތަކާއި އޯވާވޯޓާ ޖިމްއެއްވެސް ހުރެއެވެ.

ށ. ވަގަރުގައި ތަރައްގީކުރި ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ ބީޗް ވިލާއެއް

ޖޭޑަބްލިއު މެރޮއިޓްގެ ވައިސް ޕްރެސިޑެންޓް އަދި ގްލޯބަލް ބްރޭންޑް ލީޑަރ މިޓްޒީ ގެސްކިންސް ވިދާޅުވީ ރިސޯޓު ހުޅުވުމަކީ ލިބޭ އުފަލެއް ކަމަށާއި، އެ ރިސޯޓުން އަމާޒުކުރަނީ ގެސްޓުންނަށް ހިތްހަމަޖެހޭ އަދި ހިތްފަސޭހަ ތަޖުރިބާއެއް ދިނުމަށް ކަމަށެވެ.

ޖޭޑަބްލިއު މެރިއޮޓް ބްރޭންޑް ނިސްބަތްވަނީ، މެރިއޮޓް އިންޓަނޭޝަނަލްގެ ބާނީ ޖޯން ވިލިއަޑް މެރިއޮޓްއަށެވެ.

މެރިއޮޓް އިންޓަނޭޝަނަލް އިތުރު ބައެއް ބްރޭންޑުތަކުގެ ރިސޯޓުތައްވެސް ރާއްޖޭގައި ދަނީ ހިންގަމުންނެވެ. އެގޮތުން އެ ކުންފުނީގެ ޝެރަޓަން ބްރޭންޑުގެ ދަށުން ކ. ފުރަނަފުށީގައި ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓު އެންޑް ސްޕާ ހިންގާ އިރު، ޑަބްލިއު ހޮޓެލްސްގެ ދަށުން އއ. ފެސްދޫގައި ޑަބްލިއު މޯލްޑިވްސް، ވެސްޓިން ހޮޓެލްސްގެ ދަށުން ބ. މިރިއަންދޫގައި ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ އަދި ސެއިންޓް ރީޖިސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުން ދ. ވޮއްމުލީގައި ދަ ސެއިންޓް ރީޖިސް ވޮއްމުލި ރިސޯޓުވެސް ހިންގައެވެ.