02 Nov 2019, 18:57
ގދ. ތިނަދޫގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް އެރަށުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ސެނޮކް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.
މަސައްކަތުގެ އެއްބަސްވުމުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި ސެނޮކް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކައުންޓަންޓް ޕްރަބާތު ރާވަންޕޫރައެވެ.
އެއް އަހަރުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ޖުމްލަ އަގަކީ 38،636،650.20 ދިވެހި ރުފިޔާއެވެ.
މިނިސްޓްރީން ބުނީ މަސައްކަތް ނިމުމުން ތިނަދޫގެ ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ހަމައެއާއެކު ތިނަދޫގައި ދެ މެގަވޮޓްގެ ސޯލާ ފާމެއް ގާއިމުކުރުމަށް ތިނަދޫ ކައުންސިލާއި މިނިސްޓްރީއާ ދެމެދު މިއަދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.
އަދި ތިނަދޫ ކުނި މެނޭޖުކުރާ މަރުކަޒުގައި އިންސިނެރޭޓަރެއް އެއް ބެހެއްޓުމަށްވެސް މިއަދު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.
މިނިސްޓަރު ތިނަދޫއަށް ކުރައްވާ ދަތުރުގައި ރަށު ކައުންސިލާ ބައްދަލުކޮށް އެރަށުގެ ކުނި މެނޭޖްކުރުމުގެ މައްސަލައާއި ރަށް ގިރުމުގެ މައްސަލައާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
އަދި ރަށުގެ ކުޅިއާއި ކުނި މެނޭޖުކުރާ މަރުކަޒާއި ރަށް ގިރަމުންދާ ސަރަހައްދު އަދި ތިނަދޫގެ ފެން ޕްލާންޓާއި ނަރުދަމާ ނިޒާމުގެ އިތުރުން ޕަވާހައުސްއާއި ސްޓޯމް ވޯޓާ ޕަމްޕިންގ ސްޓޭޝަންވެސް މިނިސްޓަރު ވަނީ ބައްލަވާލައްވައިފައެވެ.