ކުވޭތު ސިޓީ (ނޮވެމްބަރު 2): ކުވޭތުގެ ގެތަކުގައި މަސައްކަތް ކުރާ ބޭރު ގައުމުތަކުގެ މަސައްކަތްތެރިން އޮންލައިންކޮށް ގަނެ ވިއްކާ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ކުވޭތުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ.

ކުވޭތުގެ ޕަބްލިކް އޮތޯރިޓީ ފޯ މޭންޕަވާއިން އެފަދައިން ބުނީ ބީބީސީ އިން އާއްމު ކުރި ތަހުގީގީ ރިޕޯޓަކާ ގުޅިގެންނެވެ. އެރިޕޯޓުގައިވާ ގޮތުން ގޫގުލް އާއި އެޕަލްއިން ލިބެން ހުންނަ ބައެއް އެޕްތަކުގައި ކުވޭތުގެ މީހުން ދަނީ "ވިއްކާ މެއިޑުން"ގެ ގޮތުގައި އަންހެނުން އިޝްތިހާރު ކުރަމުންނެވެ. އަދި އެ އިޝްތިހާރުން ދައްކާ ގިނަ އަންހެނުންނަށް އެމީހުން އިޝްތިހާރުކޮށް ވިއްކާލަން އުޅޭ ކަމެއް ނޭނގެ އެވެ.

އެފަދަ އިޝްތިހާރުތައް ފެނިފައިވާ އެޕްތަކުގެ ތެރޭގައި ކާރާއި ޓީވީ ފަދަ ތަކެއްޗާ އެކު މަސައްކަތްތެރިން ވިއްކާ 4ސޭލް ކިޔާ އެޕަކާއި ސައުދީގެ ހަރާޖް ކިޔާ އެޕަކާއި އިންސްޓަގްރާމް ވެސް ހިމެނެ އެވެ.

ބީބީސީ އިން ބުނި ގޮތުގައި އެ އެޕްތައް ބޭނުން ކުރާ މީހުން ދަނީ މަސައްކަތް ކުރާ މީހުންގެ އަސާސީ އިންސާނީ ހައްގުތައް ނިގުޅައިގަންމުންނެވެ. އެގޮތުން އެމީހުންނަށް ޗުއްޓީ ނުދިނުމާއި އެމީހުންގެ އާއިލާއާ ވާހަކަ ދައްކަން ފުރުސަތު ނުދިނުމާއި ޕާސްޕޯޓް ނުދީ ހިފެހެއްޓުން ފަދަ ކަންތައްތައް ހިމެނެ އެވެ.

އަދި އެތަހުގީގުގެ ތެރެއިން ބީބީސީގެ ޓީމަށް ވަނީ މެއިޑެއްގެ ގޮތުގައި 16 އަހަރުގެ އަންހެން ކުއްޖަކު ވިއްކި އަންހެނަކާ ދިމާވެފަ އެވެ. އަދި މަސައްކަތް ކުރާ މީހުންގެ ޕާސްޕޯޓު ހިފަހައްޓަން ހިތްވަރުދިން ފުލުހަކާ ވެސް ދިމާވެފަ އެވެ.

"އެމީހުން އެކުރަނީ ކުވޭތުގެ ގާނޫނުތަކުގެ އިތުރުން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާއި މަސައްކަތްތެރިންގެ ގާނޫނުތަކާ ހިލާފު ކަމެއް. އަދި ގޫގުލް، އެޕަލް، ފޭސްބުކް ނުވަތަ އެހެން ކުންފުންޏަކުން ވެސް އެފަދަ އެޕްތަކަށް ޖާގަދޭ ނަމަ އެއީ އޮންލައިންކޮށް ކުރިއަށްގެންދާ އަޅުންގެ ބާޒާރެއް ޕްރޮމޯޓު ކުރުން،" ޔޫއެން ސްޕެޝަލް ރެޕެޓުއާ އޮން ކޮންޓެމްޕަރަރީ ފޯމްސް އޮފް ސްލޭވަރީ، އުރުމިލާ ބޫލާ ވިދާޅުވި އެވެ.

އެމައްސަލައާ ގުޅިގެން ކުވޭތުގެ ޕަބްލިކް އޮތޯރިޓީ ފޯ މޭންޕަވާގެ ވެރިޔާ ޑރ. މުބާރަކް އަލް އަޒީމީ ވަނީ 16 އަހަރުގެ އަންހެން ކުއްޖާ ވިއްކި މީހާ އާއި ބީބީސީގެ ޓީމާ ވާހަކަ ދެއްކި ފުލުސް މިހާ ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމީހުން ހައްޔަރުކޮށް، އެމީހުންގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލު ދިނުން ފަދަ ފިޔަވަޅުތައް އެޅިދާނެ ކަމަށް ވިދާޅުވެފަ އެވެ.

ބީބީސީން ބުނި ގޮތުގައި 16 އަހަރުގެ ކުއްޖާ މިހާރު ވަނީ އެކުއްޖާގެ އަމިއްލަ ގައުމަށް ފޮނުވާލާފަ އެވެ. އަދި ގޫގުލް އާއި އެޕަލް އިން ވަނީ އެ ދެ ކުންފުނީގެ ޕްލެޓްފޯމްތަކުގައި ގާނޫނާ ހިލާފު އަމަލުތައް ކުރުން ހުއްޓުވުމަށް އެޕް ޑެވެލޮޕަރުންނާ އެކު މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ފޭސްބުކުން ވަނީ އެކުންފުނީގެ އެޕްތަކުން މީހުން ވިއްކުމަށް ބޭނުން ކުރާ އެކައުންޓުތައް ރިމޫވްކޮށް، އެފަދަ އާ އެކައުންޓުތައް އުފެއްދުން ހުއްޓުވާނެ ކަމަށް ބުނެފަ އެވެ.