ޤައުމީ ވޮލީ ލީގުގައި އިއްޔެ ކުޅުނު ދެ މެޗް ދިވެހި ސިފައިންގެ ކުލަބުންނާއި ޕޮލިސް ކުލަބުން ކާމިޔާބު ކޮށްފި އެވެ.

ފުރަތަމަ ޑިވިޒަންގެ އަށް ޓީމާ އެކު މި އަހަރުގެ ޤައުމީ ވޮލީ ލީގުގައި އިއްޔެ ކުޅުނު ދެ މެޗްގެ ތެރިން ފުރަތަމަ މެޗް ސިފައިންގެ ކުލަބުން ކާމިޔާބު ކުރީ ސްޕޯޓްސް ކުލަބް ސިޓީއާ ބައްދަލުކޮށް ސީދާ ތިން ސެޓުން ނެވެ.

މެޗްގެ ސެޓްތައް ސިފައިންގެ ކުލަބުން ކާމިޔާބު ކޮށްފައިވާގޮތަށް ބަލާއިރު، ފުރަތަމަ ސެޓް ސިފައިން ކާމިޔާބު ކުރީ 25 ޕޮއިންޓް 13 ޕޮއިންޓުންނެވެ. ދެ ވަނަ ސެޓް 25 ޕޮއިންޓް 18 ޕޮއިންޓުން ސިފައިން ކާމިޔާބު ކުރިއިރު، ފަހު ސެޓް ސިފައިން ކާމިޔާބު ކުރީ 25 ޕޮއިންޓް 17 ޕޮއިންޓުންނެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ސިފައިންގެ ކުލަބްގެ އަހުމަދު އަބްދުލް ކަރީމެވެ. މިމުބާރާތުގައި ސިފައިން ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކުރީ ނާވައިދޫ ޒުވާނުންގެ ޖަމިއްޔާއާ ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ.

ސިފައިންގެ ކުލަބަކީ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ.
ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި އިއްޔެ ކުޅުނު ދެ ވަނަ މެޗް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ ނާވައިދޫ ޒުވާނުންގެ ޖަމްއިއްޔާއާ ބައްދަލުކޮށް ތިން ސެޓް އެއް ސެޓުން ނެވެ.

މެޗްގެ ސެޓްތައް ދެ ޓީމުން ގެންގޮސްފައިވާ ގޮތަށް ބަލާ އިރު، މެޗްގެ ފުރަތަމަ ދެ ސެޓް ކާމިޔާބުކުރީ ޕޮލިސް ކުލަބެވެ. އެއީ 25-13 އަދި 25 -18 އިންނެވެ. މެޗްގެ ތިން ވަނަ ސެޓް ނާވައިދޫ ޓީމުން ކާމިޔާބު ކުރީ 25 ޕޮއިންޓް 22 ޕޮއިންޓުންނެވެ. އަދި މެޗްގެ ފަހު ސެޓް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 25 ޕޮއިންޓް 18 ޕޮއިންޓުންނެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޕޮލިސް ކުލަބަގެ ބިދޭސީ ކުޅުންތެރިޔާ އަންއަޕް ޑެކޮސްޓާ އެވެ. އަދި މިމުބާރާތުގައި ޕޮލިސް ކުލަބް ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކުރީ، ސްޕޯޓްސް ކްލަބު ގުޑީސްއާ ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ.

މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗުގައި މިއަދު ހަވީރު 5:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ ކުލަބް ޕީކޭ އާއި ކަސްޓަމްސްއެވެ. އަދި ދެ ވަނަ މެޗުގައި މިރޭ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ އެސްޓިއޯ އާއި ސްޕޯޓްސް ކުލަބް ސިޓީއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.

މިމުބާރާތުން އެންމެ ރަނގަޅު ހަތަރު ޓީމެއް 43 ވަނަ ޤައުމީ މުބާރާތަށް ކޮލިފައިވާނެވެ. އަދި ޤައުމީ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.