20 Nov 2011, 14:52
ޑިސެމްބަރު މަހު އިންޑިޔާގެ ނިއު ދިއްލީގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމަށް ދިވެހި ޤައުމީ ޓީމް މެލޭޝިއާ އަށް ކުރި ތަމްރީން ދަތުރު ނިއްމާލުމަށް ފަހު ރޭ މާލެ އައިސްފި އެވެ.
މިފަހަރުގެ މުބާރާތް ފެށެން އެންމެ 12 ދުވަހަށް ވެފައިވާ އިރު، ޤައުމީ ޓީމް މެލޭޝިއާ އަށް ކުރި ތަމްރީން ދަތުރުގައި އެ ގައުމުގައި އެކުވެރިކަމުގެ ހަތަރު މެޗެއް ވަނީ ކުޅެފަ އެވެ.
މެލޭޝިއާ އަށް ކުރި ތަމްރީން ދަތުރުގައި ޤައުމީ ޓީމް ކުޅުނު ހަތަރު މެޗްގެ ތެރެއިން ބަލިވީ އެންމެ މެޗަކުން ނެވެ. އެއީ މެލޭޝިއާގެ ފުޓްބޯޅައިގެ އެއް ވަނަ ޑިވިޝަން ކަމަށްވާ ސުޕަލީގުގެ ޗެމްޕިއަން ކެލަންޓަންއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗުން ރާއްޖެ ބަލިވީ 2-1 ލަނޑުން ނެވެ.
މިދަތުރުގައި ޓީމަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނީ، މެލޭޝިއާގެ އާމްޑް ފޯސް އަތުން 5-0 ލަނޑުން މޮޅުވި މެޗުގަ އެވެ. އަދި މި ދަތުރުގައި ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗު ނިމުނީ 1- 1 ލަނޑުން ދެ ޓީމް އެއްވަރުވެގެންނެވެ. އަދި ތިން ވަނަ މެޗުން ރާއްޖެ މޮޅުވީ މެލޭޝިއާގެ ސައިމް ޑާބީ އެފްސީއާ ދެކޮޅަށް ކުޅެ އެވެ. މިމެޗް ރާއްޖެ ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ.
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އަންނަ އަންގާރަ ދުވަހާއި އަންނަ ބުރާސްފަތި ދުވަހު ސީޝެލްސްގެ ގައުމީ ޓީމާ ދެކޮޅަށް ގައުމީ ޓީމު މާލޭގައި ދެ މެޗު ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރުމަށް މި މަހުގެ 29 ވަނަ ދުވަހު ޤައުމީ ޓީމް ދިއްލީއަށް ފުރާ އިރު، ރާއްޖެއާ ދެކޮޅަށް ފުރަތަމަ މެޗުގައި ނުކުންނާނީ ނޭޕާލެވެ.