18 Jun 2010, 09:52
14:30
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމް ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ދޭހަވާ ގޮތަށް، މަޝްހޫރު ނިއު ޔޯކް ޓައިމްސް ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓަށް ރައްދު ދެއްވައި އެމަނިކުފާނުގެ ތަރުޖަމާނު އެ ނޫހުގެ އެޑިޓަރަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ނިއު ޔޯކް ޓައިމްސްގެ އެޑިޓަރަށް އެޑްރެސްކުރައްވާ ރައީސް މައުމޫންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފު (މުންދު) ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، މެތޫ ސޯލްޓްމާޝް ލިއުނު އެ ރިޕޯޓްގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރާ ގުޅޭ ގޮތުން އެއްވެސް ހަގީގަތެއް ނެތް، ދޮގު މައުލޫމާތު ހިމެނޭ ކަމަށެވެ. އަދި ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާ އާއި ގާތް ބޭފުޅުންނާ މެދު ކޮށްފައިވާ ތުހުމަތުތަކަށް ވަރަށް ތަފްސީލުކޮށް ރައްދު ދެއްވާފައިވެ އެވެ.
އެގޮތުން ރައީސް މައުމޫނާ މެދު މިހާރުގެ ސަރުކާރުން ކުރަމުން އަންނަ ޚިޔާނާތުގެ ތުހުމަތުތަކަކީ ސިޔާސީ ފައިދާ ހޯދާ، އެމަނިކުފާނުގެ އަގުވައްޓާލާ ޖެއްސުންކުރުމަށް މިހާރުގެ އެމްޑީޕީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށް ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އަދި ދައުލަތުގެ ފައިސާ އަށް ނުވަތަ ބޭރުގެ ފަންޑުތަކަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ބުނެ ފާއިތުވި ދޮޅު އަހަރު އެމްޑީޕީން ތުހުމަތު ކުރަމުންދާއިރު، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލަތައް ތަހުގީގުކުރުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް، ރައީސް މައުމޫން ޚިޔާނާތްވެފައިވާ ކަމުގެ އެއްވެސް ހެއްކެތް މިހާތަނަށް ހޯދިފައި ނުވާ ކަމަށްވެސް އެ ސިޓީގައި ބުނެ އެވެ.
ސޯލްޓްމާޝް ހަމައެކަނި އެ ރިޕޯޓު އެކުލަވާލުމުގައި ބަލާފައިވަނީ ކުރީގެ އޯޑިޓަ ޖެނެރަލް އިބްރާހިމް ނައީމް ނެރުއްވި ކުރީގެ ރިޔާސީ ގަނޑުވަރުގެ އޯޑިޓް ރިޕޯޓަށް ނަމަވެސް، އެ ރިޕޯޓަކީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް މައުމޫނާ ދެކޮޅަށް ސިޔާސީ ގޮތުން ފައިދާ ހޯދުމަށް ރޭވި ރޭވުމެއް ކަމަށެވެ. އަދި އޯޑިޓް ރިޕޯޓްގައި ވަރަށް ބޮޑެތި އޮޅުވާލުންތަކާއި އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތައް ކޮށްފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
ކުރީގެ ރިޔާސީ ގަނޑުވަރުގެ އޯޑިޓް ރިޕޯޓާ ހަވާލާދީ ރައީސް މައުމޫންގެ ވެރިކަމުގައި ގަނޑުވަރާއި އާއިލާގެ ގެދޮރުތައް މަރާމާތުކުރުމަށް 17 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ނިއުޔޯކް ޓައިމްސްގެ ނިއުސް ރިޕޯޓްގައި ބުނެފައި ވާތީ އެކަމަށް ރައްދު ދެއްވަމުން ތަރުޖަމާން ވިދާޅުވެފައި ވަނީ އެފައިސާ ހޭދަކޮށްގެން ރިޔާސީ ގަނޑުވަރުގެ މަރާމާތުކޮށްފައިނުވާ ކަމަށާއި އެ ފައިސާ ޚަރަދުކުރީ އާ ރިޔާސީ ގަނޑުވަރެއް ބިނާ ކުރެއްވުމަށް ކަމަށެވެ. އަދި އާ ގަނޑުވަރު އެއީ ރައީސް މައުމޫނުގެ މިލްކެއް ނޫން ކަމަށާއި މިހާރުވެސް ސަރުކާރުގެ އެކި ބޭނުންތަކަށް އެ ގަނޑުވަރު ބޭނުންކުރަމުން އަންނަކަން ފާހަގަކޮށްފައިވެ އެވެ.
ނިއުސް ރިޕޯޓުގައި ސޯލްޓްމާޝް ސިފަކޮށްފައިވާ، މުއްސަނދި ދިރިއުޅުއްވުމެއް އުޅުއްވި، ބޭކާރު ހޭދަތައް ކުރެއްވި، ކުރީގެ ރައީސް، އެމަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގައި އަމިއްލަ އެންމެ ގެކޮޅެއްވެސް ހައްދަވާފައެއް ނުވާ ކަމަށް އެ ސިޓީގައި ލިއުއްވާފައިވެ އެވެ. އަދި ރިޔާސީ އިންތިޚާބަށް ފަހު ރައީސް މައުމޫން ދިރިއުޅުއްވަނީ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅެއްގެ ގެކޮޅުގައި ކަމަށާއި އެމަނިކުފާނުގެ އާއިލީ ގެކޮޅު ވަނީ ގުދަނެއްގެ ގޮތުގައި ބަޔަކަށް ކުއްޔަށް ދީފައި ކަމަށްވެސް ސިޓީގައިވެ އެވެ.
މީގެ އިތުރުން ނިއުޔޯކް ޓައިމްސްގައި ޝާއިޢުކޮށްފައިވާ އެ ރިޕޯޓްގައި ލަގްޒަރީ ޔޮޓެއް ގަތުމަށް 19.5 މިލިއަން ޑޮލަރު ޚަރަދުކުރައްވާފައިވާ ކަމަށް ބުނެފައިވީ ނަމަވެސް، އެއީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ޔޮޓު ކަމަށާއި ރައީސް މައުމޫނުގެ އަމިއްލަފުޅު އެއްޗެއް ނޫން ކަމަށް ރައީސް މައުމޫންގެ ތަރުޖަމާނު ފޮނުއްވި އެ ސިޓީގައި ބުނެފައިވެ އެވެ. އަދި ރިޔާސީ ކެމްޕެއިން ދުވަސްވަރު އެ ޔޮޓް ވިއްކަވާލައްވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް، އެމަނިކުފާނުގެ ސަރުކާރުގެ އިސް ބޭފުޅުންނާއި ނައިބް ރައީސް އެ ޔޮޓްގެ ބޭނުންހިއްޕަވާ، ކަމަށް އެ ސިޓީގައިވެ އެވެ. އަދި އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގޭގައި 55 ކާރު އޮތް އިރު މިހާރުގެ ރިޔާސީގަނޑުވަރުގެ ރަޖިސްޓްރީގައި 80 އަށް ވުރެ ގިނަ ކާރު އޮތް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
ރައީސް މައުމޫނަކީ ބައިނަލް އަގްވާމީ ގޮތުންވެސް ނުހަނު އިއްޒަތާއި ގަދަރު ލިބިވަޑައިގެންފައިވާ ބޭފުޅެއް ނަމަވެސް، މެތޫ ސޯލްޓްމާޝްގެ އެ ރިޕޯޓުގެ ސަބަބުން މިއަދު އެމަނިކުފާނުގެ އަބުރުފުޅާއި ޝަޚްސިއްޔަތަށް ހުތުރުއަރާފައިވާ ކަމަށް މުންދު ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން، ރައީސް މައުމޫނާ ގުޅަން ސޯލްޓްމާޝް މަސައްކަތްކޮށްފައިވާ ކަމަށް އޭނާގެ ރިޕޯޓްގައި އޮތަސް އެގޮތަށް އޭނާ ކަންތައްކޮށްފައި ނުވާ ކަމަށް ރައީސް މައުމޫންގެ ތަރުޖަމާން ވިދާޅުވެ އެވެ. އެހެންކަމުން އޭނާ ބޭނުންކޮށްފައިވާ މައުލޫމާތުގެ ތެދުދޮގު އޮޅުންފިލުވުމަށް ރައީސް މައުމޫންގެ އޮފީހަށް ގުޅުމަށް ވެސް އެ ސިޓީގައި އެދިފައިވެ އެވެ. އަދި ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާގެ ފަރާތްޕުޅުން ނިއު ޔޯކް ޓައިމްސް އިން މައާފަށް އެދެން ޖެހޭނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.