02 Nov 2019, 00:48
ކަނޑުން މަގުން ރާއްޖެ އެތެރެވާ މީހުންނަށް ޕައިސީސް ބޯޑާ ކޮންޓްރޯލް ސިސްޓަމް މެދުވެރިކޮށް ކްލިއަރަންސް ދިނުމަށްޓަކައި މޯބައިލްކޮށް އެ ހިދުމަތް ދެވޭނެ ނިޒާމެއް ބޭނުންކުރަން ފަށައިފިއެވެ.
މީގެ ކުރިން ކަނޑުމަގުން ރާއްޖެ އެތެރެވާ މީހުންނަށް ޕައިސީސް ބޯޑާ ކޮންޓްރޯލް ސިސްޓަމް މެދުވެރިކޮށް ކްލިއަރަންސް ދީ އުޅުނީ މެނުއަލްކޮށް މައުލޫމާތު އެންޓާ ކޮށްގެންނެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ ސީޕޯޓް ކްލިއަރަންސްއަށް މޯބައިލް ބޯޑާ ކޮންޓްރޯލް ޑިވައިސްގެ ބޭނުންކުރަން ފަށާފައިވާ ކަމަށާއި މިއީ ވަރަށް ތާރީހީ ކުރިއެރުމެއް ކަމަށެވެ.
"މިއާއެކު ރާއްޖޭގެ ބޯޑަރު ރައްކާތެރިކުރުމަށް އަޅުގަނޑުމެންގެ ގާބިލިއްޔަތު އިތުރުވެގެން ދާނެ،" އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ޓްވިޓާގައި ވަނީ، ރާއްޖޭގެ ކަނޑުގެ ބޯޑަރުތައް ރައްކާތެރިކުރުމަށްޓަކައި މޯބައިލް ބޯޑާ ކޮންޓްރޯލްގެ ހިދުމަތް ފެށުމަށް އެހީތެރިވެދިނީތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުރުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާ ސަފީރު އެލެއިނާ ޓެޕްލިޓްޒްއަށް ޝުކުރު އަދާކުރައްވާފައެވެ.
މިދިޔަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި އިމިގްރޭޝަންގެ އިސްވެރިން ވިދާޅުވެފައިވަނީ ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 30،000 އެއްހާ މީހުން ކަނޑުމަގުން ރާއްޖެ އެތެރެވާ ކަމަށާއި، މިހާތަނަށްވެސް އެމީހުންނަށް ކްލިއަރަންސް ދެމުން އައީ ބޯޑަރު ކޮންޓްރޯލް ނިޒާމަށް މެނުއަލްކޮށް އެމީހުންގެ މައުލޫމާތު އަޅައިގެން ކަމަށެވެ.
މޯވބައިލް ސިސްޓަމާއެކު ކްލިއަރަންސްތައް ރަނގަޅަށް ބަލައި، މޮނީޓަރކުރެވޭނެ ގޮތްތަކެއް އިމިގްރޭޝަނަށް މިހާރު ވަނީ ލިބިފައެވެ.