ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ގެނައި އިސްލާހުތައް ބަލައި ނުގަނެ ގާނޫނީ ބާރު ކެނޑޭ ފަދަ ނިންމުމެއް، ޖުޑީޝަލް ކައުންސިލުން ނިންމައި އެފަދަ އަމަލެއް ކުރޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމައިފި އެވެ.

ކުއްލި ގޮތަކަށް މިރޭ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާފައިވަނީ، އުއްތަމަ ފަނޑިޔާރު ބައިވެރިވެވަޑައިގަތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ގާނޫނުތަކަށް އަމަލު ނުކުރެއްވުމަށާއި ޖޭއެސްސީ އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ގާނޫނީ ދައުރަށް ހުރަސްތައް ކުރިމަތި ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ މައުލޫމާތު އެ ކޮމެޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަށް ލިބިމާއި ގުޅިގެން ބޭއްވި ބައްދަލު ވުމެކެވެ.

"ސުޕްރީމް ކޯޓުގެ އިސް ބައެއް މަގާމުތަކުގައި ތިއްބަވާ މުވައްޒަފުންނަށް އެކި ގޮތް ގޮތުން ބިރު ދެއްކުމުގެ އަމަލުތައް ވެސް ކުރަމުން ގެންދަވާ ކަމުގެ މައުލޫމާތު އެބަލިބިގެންދޭ. ޖޭއެސްސީގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އެ ބޭފުޅުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް ރިޕޯޓް ކުރައްވަމުން ގެންދަވަން ޖެހިވަޑައިގަންނަވާއިރުގައި އެކަންކުރަން އެބަދަތި ކުރައްވައި ހުރަސްތައް ކުރިމަތިކޮށް އިންޒާރުތައް ދެއްވާ،" ކޮމެޓީ ފައްޓަވައި އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.

ޖޭއެސްސީގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހާއި އެކު ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން، ޑީޖޭއޭ ނަގައި ޖޭއެސްސީގެ ބެލުމުގެ ދަށަށް ބަދަލުކުރުމެވެ. އަދި ޖުޑީޝަލް އެކަޑަމީ ވެސް ޖޭއެސްސީގެ ދަށަށް ބަދަލުކޮށް، ކޯޓްތައް ހިންގުމުގެ އިދާރީ ކަންކަން ބެލުމަށް ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ މަގާމު އުފެއްދުން ވެސް ހިމެނެ އެވެ. އެ އިސްލާހުތައް ތަސްދީގުކޮށް އަމަލު ކުރަން ފެށީ، މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ.

މިރޭ ބޭއްވި ޖުޑިޝަރީ ކޮެމެޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: މަޖިލިސް

މިރޭ ބޭއްވި ޖުޑިޝަރީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ، ޑީޖޭއީ އާއި ޖޭއެސްސީއަށް ނުފޫޒު ފޯރުވުމަށް ސުޕްރީމް ކޯޓުން އެއްވެސް ކަމެއް ކޮށްފައިވޭތޯ ބެލުމަށް އެ ދެ ތަނަށް ސިޓީއެއް ފޮނުވަން ހުށަހަޅާ ކަމަށާއި އަދި އެ މައުލޫމާތު އެއްކުރުމަށްފަހު އއެ ފަރާތްތަކާއި ބައްދަލު ކުރުމަށެވެ.

ޖީހާންގެ އެ ހުށަހެޅުން ފާސްވެފައިވަނީ ކޮމެޓީގައި ބައިވެރިވެވަޑައިގަތް އެއް ވެސް މެންބަރަކު އެކަމަށް އިއުތިރާޒު ނުކުރުމުން އިއްތިފާގުންނެވެ.

މިރޭ ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި އިމްތިޔާޒް އާއި ޖީހާނުގެ އިތުރުން ކޮމެޓީގެ ނައިބް މުގައްރިރު މޫސާ ސިރާޖު އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު އާއި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަދި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ބައިވެރިވެވަޑައިގަތެވެ.

މިރޭގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ކުއްލި ގޮތަކަށް ހުކުރު ދުވަހުގެ ރޭ، ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމެއް ބާއްވަނީ އެ ކޮމެޓީން، ކޯޓުތަކަށް ސީދާ ނުފޫޒު ފޯރުވުމަށް ކަމަށާއި އެކަން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އެ ކޮމެޓީ ބާއްވަނީ މަޖިލީހުގެ ގަވާއިދުގެ ރޫހާ ހިލާފަށް ވަކި ބަޔަކަށް މަންފާ ހޯއްދެވުމަށް ކަމަށް ފާހަގަކޮށް ޝިޔާމް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފަ އެވެ.

ޖުޑިޝަރީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމް މެންބަރު އިބްރާހިމް ރިޒާގެ ބަދަލުގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހަމަޖެއްސުމަށް އެޕާޓީން ވަނީ އެދިފައެވެ. ނަމަވެސް އެ ޕްރޮސަސް އެއްކޮށް ފުރިހަމަވެފައިނުވާތީ ޝިޔާމްއަށް ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. އަދި ކޮމެޓީގައި އޭނާ ވަހަކަ ދައްކަވާފައިވަނީ މަޖިލީހުގެ ގާނޫނަށް އަލަށް ގެނައި އިސްލާހާއި އެކު ކޮމެޓީގައި ނުހިމެނޭ މެންބަރުންނަށް ވެސް ކޮމެޓީތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮތުމުން އެ ފުރުސަތު މުގައްރިރު ދެއްވުމުންނެވެ.