ނަސްރުގެ ދުވަހުގެ މުނާސަބަތުގައި، އެމްއެންޑީއެފް އިން ބޭއްވި ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ޑްރިލް ހަރަކާތަށް އާންމުންގެ ގިނަ ބަޔަކު ވަނީ އެއްވެފައެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ، މިއަދުގެ ޑްރިލް ބައްލަވާލައްވަނީ --- ސަން ފޮޓޯ : އަހުމަދު އަވްޝަން

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ މިއަދުގެ ޑްރިލް ބައްލަވައިލެއްވުމަށް ސެންޓްރަލް ޕާކަށް ވަޑައިންނަވާފައެވެ.

ޑްރިލް އާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ކަންކަމަށް ބަހައްޓާ ފަރުވާތެރިކަމާއި ޑިސިޕްލިން އެ ޑްރިލް އިން ފެނިގެންދިޔަ ކަމަށެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ޑްރިލް ޑިސްޕްލޭގެ ތެރެއިން : އާންމުންގެ ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވި --- ސަން ފޮޓޯ : އަހުމަދު އަވްޝަން

މިއަދު ހުޅުމާލޭގައި ޑްރިލް ކުރިއަށް ގެންދިޔައިރު، އެފަދަ ޑްރިލް ހަރަކާތެއް މާދަމާ މާލޭގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ނަސްރުގެ ދުވަހާ ގުޅިގެން ހާއްސަ ދުވުމެއްވެސް މާދަމާ ކުރިއަށް ގެންދާނެ ކަމަށެވެ.

"ވިކްޓްރީ ރަން"ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމެޖިހިފައިވާ ދުވުން ފަށާނީ މާދަމާ ހެނދުނު 06:00 ޖަހާ އިރުގައެވެ.

އެ ދުވުމުގައި މާލޭގެ ބޮޑުތަކުރުފާނުމަގުން ކަޅުތުއްކަލާ ކޮށި ސަރަހައްދުން ފެށިގެން މާލެ ވަށައި ބުރެއް ޖަހާނެއެވެ.