20 Nov 2011, 14:47
ހެލްތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމުގައި ހުންނެވި، ޑރ. އިބްރާހީމް ޔާސިރު އިސްތިއުފާ ދެއްވައިފި އެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެތެރެހަށީގެ ހާއްސަ ޑޮކްޓަރު ޔާސިރު މި މަހު އެއްވަނަ ދުވަހުން ފެށިގެން އިސްތިއުފާ ދެއްވީ ހެލްތު މިނިސްޓްރީގެ ވަޒީފާއެއްގައި ހުންނަވައިގެން ބަލި މީހުން ބެއްލެވުމަށް ގާނޫނު ހުއްދަ ނުކުރާތީ ކަމަށެވެ.
ނަމަވެސް ޑރ. ޔާސިރު ފޯނު ނުނަންގަވާތީ އޭނާ އިސްތިއުފާ ދެއްވި ސަބަބު އޭނާގެ އަރިހުން ވަނީ ސާފުވާގޮތް ނުވެފަ އެވެ.
ޔާސިރު ވަނީ އިސްތިއުފާ ދެއްވުމަށް ފަހު ޕްރައިވެޓް ކްލިނިކް، ދި ކްލިނިކާ ގުޅިވަޑައިގެންފަ އެވެ.
ޑރ. ޔާސިރު ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ މަގާމާ ހަވާލުވެވަޑައިގަތީ 2008 ވަނަ އަހަރު އެވެ.
ޑރ. ޔާސިރުގެ އިތުރުން ސީސީއެޗްޑީސީގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުން މި އަހަރުގެ މާޗް މަހުގެ ކުރީކޮޅު ޑރ. ޖަމްޝީދު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ޑރ. ޖަމްޝީދު ސަރުކާރުން އިސްތިއުފާ ދެއްވީ އޭރު ސީސީއެޗްޑީސީގައި ހުންނަވައިގެން ކުރައްވާނެ ކަމެއް ނެތް ކަމަށް ވިދާޅުވެ އެވެ. އަދި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލްގެ ސީއީއޯ އެއްގެ މަގާމުގަ އެވެ.