20 Nov 2011, 14:04
ރިޓަޔާ ކުރާ ފަޑިޔާރުންނަށް ވަޒީފާއިން ވަކިވެ ވަޑައިގަންނަވާއިރު ލިބިވަޑައިގަންނަވާ އެލަވަންސްތައް ލިބޭގޮތަށް "އުމުރުން 55 އަހަރު ވުމުން އަމިއްލައަށް ވަކިވާން ބޭނުން ފަޑިޔާރުންނާއި 55 އަހަރު ނުވިނަމަވެސް ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން މުސްކުޅިކޮށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް" ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެއްސީ)އަމަލުކުރަން ފަށައިފި އެވެ.
މިދިއަ ބުރާސްފަތި ދުވަހުން ފެށިގެން ޖޭއެއްސީން އަމަލުކުރަން ފެށި ގަވާއިދުގެ ހަ ވަނަ މާއްދާގެ ދަށުން އުމުރުން 55 އަހަރުވުމުން އަމިއްލަފުޅަށް ވަކިވެ ވަޑައިގަންނަވާ ފަނޑިޔާރުންނަށާއި ސިއްހީ ސަބަބުތަކަށްޓަކައި މުސްކުޅިކުރައްވާ ފަނޑިޔާރުންނަށް އެބޭފުޅަކު އޭރު ހުންނެވި ކޯޓެއްގެ ފަޑިޔާރަކަށްދޭ ލިވިން އެލަވަންސާއި މެޑިކަލް އިންސުއަރެންސާއި ސެކިއުރިޓީ އަދި ޗުއްޓީ ފައިސާ ލިބޭނެ އެވެ.
އެހެނިހެން އިނާޔަތްތަކުގެ ބޭރުން އެފަދަ ފަޑިޔާރުންނަށް އެއްފަހަރާ ގަނޑުކޮށް ލިބޭ އިނާޔަތުގެ ފައިސާ ދޭނެ ގޮތްތަކެއް ވެސް ވަނީ ގަވައިދުގައި ކަނޑައަޅާފަ އެވެ. ގަވާއިދުގެ ހަތަރު ވަނަ މާއްދާގައި ބުނަނީ ފަޑިޔާރަކު ހިދުމަތްކުރީ 30 އަހަރަށް ވުރެ ކުރުމުއްދަތެއް ކަމުގައިވާނަމަ ލިބޭ މުސާރައިގެ ތިން ބައިކުޅަ އެއްބައި ހިދުމަތްކުރި މުއްދަތުން ގުނަކުރުމުން ޖެހޭ މިންވަރު އެއްފަހަރާ އެ ފަނޑިޔާރަކަށް ދޭންޖެހޭނެ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނަނީ 30 އަހަރަށް ވުރެ ގިނައިން ހިދުމަތްކޮށްފައިވާނަމަ މަހަކު ލިބޭ މުސާރައިގެ ދެ ބައިކުޅަ އެއްބައި ހިދުމަތްކުރި މުއްދަތުން ގުނަ ކުރުމުން ޖެހޭ މިންވަރު އެ ފަނޑިޔާރަކަށް ދޭންޖެހޭނެ ކަމަށެވެ.
ދިހަ މާއްދާއެއްގެ މައްޗަށް އެކުލެވޭ އެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ ދަށުން ރިޓަޔަޑް ފަނޑިޔާރުންނަށް އެ ފަނޑިޔާރަކު ހުރި ފެންވަރަކުން ލަގަބުތަކެއް އެރުވޭނެ އެވެ.
އެގޮތުން ސުޕްރީމް ކޯޓު ނުވަތަ ހައިކޯޓުގެ ފަނޑިޔާރެއް ނަމަ އެބޭފުޅެއްގެ ނަމުގެ ކުރިއަށް "ޖަސްޓިސް ރިޓަޔާޑް"، ސްޕީރިއާ ކޯޓެއްގެ ފަނޑިޔާރެއްނަމަ "ޖަޖް ރިޓަޔާޑް " އަދި މެޖިސްޓްރޭޓް ކޯޓެއްގެ ފަނޑިޔާރެއްނަމަ "މެޖިސްޓްރޭޓް ރިޓަޔާޑް" ގެ ލަގަބު ދެވޭނެ އެވެ.