01 Nov 2019, 11:09
ރޭ ދަންވަރު މާފަންނު ގެއަކުން ވަގަށް ނެގި ތިޖޫރީއަކާއި ސާމާނުތަކެއް މިސްކިތެއްގެ ފާހާނާއިންނާއި އަދި އެގޭ ފުރާޅުމަތިން ހޯދައި، ވައްކަން ކުރި މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ރޭ އެގެއިން ވައްކަން ކުރަން އުޅުނު މީހަކު ހިފަހައްޓައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޭ މީހުން އޭނާ ހިފަހައްޓަން މަސައްކަތް ކުރުމުން އޭނާ ވަނީ އަތް ފޮޅުވާލުމަށް ފަހު، ފާރުމަތިން ފުންމާލައިގެން ފިލަން މަސައްކަތްކޮށްފަ އެވެ.
ފާރުމަތިން ފުންމާލުމުގެ ސަބަބުން، ފާރުމަތީގައި ޖަހާފައި ހުރި ފުޅިތޮށިތަކުން އޭނާގެ ދެ އަތް ވަނީ ކަނޑައިގެން ގޮސްފަ އެވެ. ނަމަވެސް އޭނާ އަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މައްސަލައިގެ ރިޕޯޓު ލިބުމުން ފުލުހުން އެސަރަހައްދަށް ގޮސް އޭނާ ހައްޔަރުކޮށް އެ ސަރަހައްދު ބަލައިފާސްކޮށްފައިވާ ކަމަށެވެ. މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެގޮތުން އެގެއިން ވަގަށް ނެގި ތިޖޫރީ އާއި އޭގައި ހުރި ހުރިހާ ސާމާނެއް ވަނީ ހޯދައިފަ އެވެ. ފުލުހުން ބުނީ ތިޖޫރީގައި ހުރީ ވަކި ލާރި ފުޅިއަކާއި ކަށިގަނޑާއި މަރުތެޔޮ ފަދަ އާލާތްތަކެއްގެ އިތުރުން ކުޑަ ލަކުޑި ފޮއްޓެއް ކަމަށެވެ.
ތިޖޫރީ ހޯދާފައި ވަނީ އެސަރަހައްދުގައި ހުރި މިސްކިތެއްގެ ފާހާނާ ތެރެއިންނެވެ. އޭގެ އިތުރުން އެއް ފުޅި ވަކިލާރި އާއި ކަރަންޓު ކީހެއް އެގޭ ފުރާޅުމަތިން ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.
ފުލުހުން ބުނީ ވައްކަން ކުރި މީހާގެ އަތުން ކުޑަ ވަޅިއެއްގެ އިތުރުން ބައެއް އިލެކްޓްރޯނިކް ސާމާނާއި އާލާތްތައް ހޯދާފައިވާ ކަމަށެވެ.
އެގެއިން ވަގަށް ނަގާފައިވާ ތިޖޫރީ ހުރިހާ އެއްޗެއް ހަމައަށް ހޯދުމަށް ފަހު ފުލުހުން ވަނީ އެގޭ ވެރިފަރާތާ ހަވާލުކޮށްފަ އެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.