ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނަމުގައި ބަޔަކު އާންމުނަށް ފިޝިން ނުވަތަ ފޭކް މެއިލް ފޮނުވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނެފައި ވަނީ ބީއެމްއެލް ބޭނުންކުރާ ފަރާތައް ރޫޓީން ސެކިއުރިޓީ ޗެކު ކުރުމުގެ ނަމުގައި ބަޔަކު ފިޝިން މެއިލް ފޮނުވާ ކަމަށެވެ.

އެ މެއިލްގައި އަންގަނީ އިންޓަނެޓް ބޭންކު އެކައުންޓު އޯތެންޓިކޭޓް ކުރުމަށް ލިންކަކަށް ދާށެވެ.

އެކަމާ ގުޅިގެން ބީއެމްއެލް އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެއްވެސް އެކައުންޓެއް ވެރިފައި ކުރަން ނުވަތަ އިންޓަނެޓް ބޭންކިން މައުލޫމާތު ހޯދުމަށް ޓަކައި އެކުންފުނީން މެއިލް މެދުވެރިކޮށް ނާންގާނެ ކަމަށެވެ.

އީމެއިލް މެދުވެރިކޮށް ބީއެމްއެލްގެ އެކައުންޓް ވެރިފައި ކުރުމަށް ބުނެ މިދިޔަ އަހަރުގެ ފަހުކޮޅުގައި ވެސް ވަނީ ހަމަ އެފަދަ މައްސަލަތަކެއް ފެންމަތިވެފަ އެވެ.

ބޭންކުގެ ކަސްޓަމަރުންނަށް އޮޅުވާލުމަށްޓަކައި އެކި ފަރާތްތަކުން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އަދި އެފަދަ މައްސަލަތައް އާންމުންނަށް ދިމާވުން ހުއްޓުވުމަށްޓަކައި ބީއެމްްއެލް އިން އާންމުން ހޭލުންތެރިކުރުމަށް ވެސް ގިނަ މަސައްކަތްތައް ކުރަމުންނެެވެ.