20 Nov 2011, 13:33
ސަރުކާރުން މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީއަށް ބިރުދައްކާ ކަމަށް ބުނެ ޕީޕީއެމުން މުޒާހަރާއަށް ނުކުތުމަށް ނިންމައިފި އެވެ. ޕީޕީއެމުން މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ މުޒާހިރާ ކޮމީޓިގެ ފަސް މެމްބަރުންގެ އިއްތިފާގުން ފާސް ކޮށްގެނެވެ.
މިއަދު ޕީޕީއެމްގެ އޮފީހުގައި އޮތް ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި މުޒާހަރާ ކޮމިޓީގެ ވެސް މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ ސަރުކާރުން މިނިވަން މުއައްސަސާތަކަށާއި ޖުޑީޝަރީއަށް ބިރު ދައްކައިގެން ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރުމުގައި ނުފޫޒް ފޯރުވުމަށް މަސައްކަތްކުރާތީ، އެކަމާ ދެކޮޅަށް ޕީޕީއެމްގެ ފަރާތުން މަގު މައްޗަށް ނުކުމެ މުޒާހަރާކުރާނެ ކަމަށެވެ.
"މުޒާހަރާ ކުރާނެ ވަގުތާއި ގަޑި އަދި މީޑިޔާއަށް ހާމަކުރާކަށް ބޭނުމެއް ނޫން،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުޑީސަލް ސާވިސް ކޮމިޝަށް މިހާރު ހުށައަޅާފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ މައްސަލާގައި އެމްޑީޕީން ޝަރުއީ ދާއިރާ އަށް ބިރުދައްކައި އެ މީހުން ބޭނުންވާ ގޮތަށް މައްސަލަތައް ނިންމަން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
"މިކަމަކީ އެމްޑީޕީގެ ސަރުކާރުން ޝަރުއީ ނިޒާމްގެ ތެރެއަށް އަތް ބާނައި އެކަމަށް ނުފޫޒް ފޯރުވަން ކުރާކަމެއް. އަޅުގަނޑުމެން ބޭނުން މިތަނުގައި މިނވަން ކަމާއެކު ފަނޑިޔާރުންނަށް އެމީހުންގެ މަސައްކަތް ފުރިހަމަ ކުރެވޭނެ ނިޒާމެއް އޮންނަން. އެހެންވީމާ އެމީހުންނަށް ހިމާޔަތްދީ އެ މީހުން ރައްކާތެރިކޮށްދޭން ވެގެން އަޅުގަނޑުމެން މިނިކުންނަނީ،"ސަލީމް ވިދާޅުވިއެވެ.
އެމްޑީޕީން ޖުޑިިޝަރީއަރީއަށް ބިރު ދައްކާ ކަމަށް ބުނެ ޕީޕީއެމުން މުޒާހަރާއަށް ތައްޔާރުވާއިރު ޖުޑިޝަރީ މިނިވަން ކުރުމަށް ކަމަށް ބުނެ އެމްޑީޕީން ވަނީ މުޒާހާރާ އިއުލާންކޮށް އެއް މުޒާހަރާކޮށްފަ އެވެ.
މީގެއިތުރަށް ޑީއާރްޕީ ޖަގަހައަށް ރޭ ބަޔަކު ދިން ހަމަލައަކީ ޕީޕީއެމުން ދިން ހަމަލައެއް ކަމަށް ޑީއާރްޕީން ތުހުމަތުކޮށްފައިވާތީ އެކަމަށް ވެސް ޕީޕީއެމުން ރައްދު ދިނެވެ.
ޕީޕީއެމްގެ ވަގުތީ ނައިބް ރައިސް ފޮނަދޫ އަބްދުއް ރަހީމް ވިދާޅުވީ ޕީޕީއެމްގެ ބަޔަކު ޑީއާރްޕީގެ ޖަގަހައަށް ހަމަލާ ދިންކަމަށް ބުނާ ވަހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. "ޕީޕީއެމްގެ މެމްބަރުންނަކީ އެކަހަލަ ފިނޑި އަމަލު ހިންގާނެ ބައެއް ނޫން" ކަމަށާއި، އެއީ ފުވައްމުލަކުގައި ބޭއްވި ބައި އިލެކްޝަންފައި ޑީއާރްޕީ ބަލިވެ ޕީޕީއެމްގެ މެމްބަރަކު ގޮނޑި ކާމިޔާބު ކުރުމުން އެވާހަކަތައް އޮއްބާލުމަށް ޑީއާރްޕީގެ ފަރާތުން ޖެއްސި ސްޓަންޓެއްކަމަށް ވެސް ފޮނަދޫ އަބްދުއް ރަހީމް ވިދާޅުވި އެވެ.