އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގޭގޮތުގައި އަންނަ އަހަރަށް ލަފާ ކުރާ ބެޖެޓު 40 ބިލިއަނެއްހާ ރުފިޔާއަށް އަރާނެ ކަމަށް ބެލެވެއެވެ.

ފިނޭސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، 2020 ގެ ދައުލަތުގެ އަހަރީ ބަޖެޓު، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ބަޖެޓެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު މިއަދު "ސަން" އަށް ވިދާޅުވީ، އަންނަ ހަފްތާ އަންގާރަ ދުވަހު މަޖިލިސް ތަޅުމުގައި ރަސްމީކޮށް ބަޖެޓު ހުށަހަޅުއްވާނެ ކަމަށެވެ.

މިނިސްޓްރީއިން އާންމުކޮށްފައިވާ "2020-2022 ފިސްކަލް ސްޓްރެޓެޖީ" ބަޔާނުގައި ބުނެފައިވާގޮތުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓް 39.55 ބިލިއަން ރުފިޔާއަށް އަރާނެއެވެ. އެއީ މިއަހަރުގެ ފާސްކުރި ބަޖެޓާ އަޅާބަލާއިރު 10 ބިލިއަނެއްހާ ރުފިޔާއާގެ އިތުރުވުމެކެވެ.

އަންނަ އަހަރަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 30.73 ބިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު މަޖިލީހުން ފާސް ކުރި މިއަހަރުގެ އަހަރީ ބަޖެޓަކީ 30 ބިލިއަނެވެ. އަދި އޭގެ އިތުރުން މި ސަރުކާރުން ވަނީ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ދާދި ފަހުން ފާސްކޮށްފައެވެ.